23 May 2013, 14:59
ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ނ. ރަންދެލި އާއި ފުށިވެލާވަރަށް އެކި ރަށްރަށުން ގަވައިދާ ހިލާފަށް ގިނަ އަދަދަކަށް ރުއް ގެންދާ މައްސަލަ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފި އެވެ.
ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް "ސަން"އާ ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ އެ ދެ ރަށަށް ގަވައިދާ ހިލާފަށް ށ. އަތޮޅާއި ނ. އަދި ރ. އަތޮޅުގެ ބައެއް ރަށްރަށުން ގިނަ އަދަދަކަށް ރުއް ގެންގޮސްފައިވާ ކަމަށެވެ.
"އެކަމާ ގުޅިގެން އެ ރިސޯޓް ތަރައްގީކުރާ ފަރާތްތަކާ ވެސް އަޅުގަނޑުމެން ބައްދަލުކޮށްފިން. އެ ބޭފުޅުން ވިދާޅު ވަނީ ތިމަންނަމެން އެއްވެސް ބައެއް ކައިރީގައި ގަވައިދާ ހިލާފަށް ރުއް ގެންނާކަށް ނާންގަމޭ. އެކަމަކު އެކި ރަށްރަށުގެ ކައުންސިލަރުން ގުޅިގެން މިކަން ކުރާ ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ،" އޭނާ ވިދާޅުވި އެވެ.
ނައީމް ވިދާޅުވީ ދާދިފަހުން ށ. ނަލަންދޫން ގިނަ އަދަދެއްގެ ރުއްތަކެއް ބާޖަކަށް އަރުވައިގެން ގެންދަނިކޮށް ފުލުހުން މެދުވެރިކޮށް އެކަން ހުއްޓުވައިދިނުމަށް އެދުނު ކަމަށެވެ. އަދި އެ ބާޖުގައި ހުރި ރުއްތައް ނަލަންދޫއަށް ގެންގޮސް ރުއް ނެގި ތަންތަނުގައި އިންދަން އެރަށް ބަލަހައްޓާ ފަރާތަށް އެންގި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ދެ ރިސޯޓަށް އެކި ރަށްރަށުން 500 އަށް ވުރެ ގިނަ ރުއް ގެންގޮސްފައިވާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވޭ. މިއީ ގާނޫނާއި ގަވައިދާ ހިލާފަށް ކުރަމުންދާ ކަމެއް. އަޅުގަނޑުމެން މިހާރު ވެސް މިއުޅެނީ ކާށީގެ އަގު އިންތިހާއަށް ބޮޑުވެގެން. މިކަހަލަ ކަންތައްތައް ކުރަމުންދާ ނަމަ ތިމާވެއްޓަށް ވެސް ނުހަނު ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން،" ނައީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިސޯޓްތަކުން ތިމާވެއްޓަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ އިރު، މިފަދަ ކަންތައްތައް ކުރުމުން ރަށްރަށުގެ ވެށި ވަރަށް ބޮޑަށް ހަލާކުވަމުންދާ ކަމަށެވެ.
"ގިނަ ރަށްރަށުން ރުއް ނަގަނީ މިސްކިތެއް އަޅަން ނުވަތަ ފުޓުބޯޅަ ދަނޑެއް ހަދަން ކަމަށް ބުނެ. އެކަމަކު ގިނަ ފަހަރަށް ބަލާއިރު އެއިން ވެސް ކަމެއް ކުރަން ޕްލޭނެއް އަދި ބަޖެޓެއް ވެސް ނޯވޭ. މިކަންތައްތައް ކުރަނީ ރަށްރަށުގެ ކައުންސިލަރުން ނާޖާއިޒު ފައިދާ ހޯދަންކަމަށް ބެލެވެނީ،" ނައީމް ވިދާޅުވި އެވެ.
"ޝެވަލް ބްލޭންކް ރަންދެލި" ނަމުގައި ހަދާ ރިސޯޓާއި "ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް"ގެ ނަމުގައި ފުށިވެލާވަރު ރިސޯޓް ތަރައްގީކުރަނީ ބާތޮލްޑް އެންޑް ކޮތޯފް ކިޔާ ކުންފުންޏަކުންނެވެ.
ރަންދެލި ހިންގުމަށް ހަމަޖެހިފައި ވަނީ ލަގްޒަރީ އުފެއްދުންތައް ތައްޔާރުކުރާ ފްރާންސްގެ މަޝްހޫރު ކުންފުނި، ލުއި ވުޓޯން މޮއެޓް ހެނެސީ (އެލްވީއެމްއެޗް)ން އެވެ.
ވިޔަފާރި ހަބަރުތައް ގެނެސްދޭ ނޫހެއްގައި ބުނެފައި ވަނީ މި އަހަރު ތެރޭ ރަންދެލި ރިސޯޓް ހުޅުވާ ޓޫރިސްޓުންނަށް ހިދުމަތް ދޭނެ ކަމަށެވެ.
ނައީމު ވިދާޅުވީ ގިނަ ރަށްރަށުން އެ ދެ ރިސޯޓަށް ރުއް ގެންދަނީ އެ އެޖެންސީން ހުއްދަ ނުހޯދައި ކަމަށެވެ.