23 May 2013, 14:37
ގޭންގުތަކަށް ނިސްބަތްވާ ފަރާތްތަކާ ގުޅޭ ގޮތުން މީގެ ކުރިން ހުށަހަޅާފައި ހުރި މައްސަލަތައް އަލުން ދިރާސާކޮށް އެ ފަރާތްތަކަށް ލިބެން ޖެހޭ އަދަބުތައް ދިނުމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބުދުﷲ ރިޔާޒު ގޮވާލައްވައިފި އެވެ.
ނުރައްކާތެރި މާރާމާރީ އާއި ގޭންގު ހަރަކާތްތައް ހުއްޓުވުމަށް ކޮމިޝަނަރު އޮފް ޕޮލިސް އުފެއްދެވި ޓާސްކް ފޯސްގެ މެމްބަރުންނާ އަންގާރަ ދުވަހު ބައްދަލުކުރައްވައި ރިޔާޒު ވިދާޅުވީ ތޫނު އެއްޗެހި ބޭނުންކޮށްގެން ހިންގާ ބޮޑެތި މާރާމާރީތަކާއި ޒުވާނުންގެ މެދުގައި ހިންގާ ވައިލެންޓް ކްރައިމްސް ހުއްޓުވުމަށް ކަމާ ގުޅޭ ހުރިހާ ފަރާތްތައް ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ.
އެގޮތުން ގްރޫޕްތަކުން އެއްވާ ސަރަހައްދުތައް ޚާއްސަ ގޮތެއްގައި ބަލަހައްޓައި އެފަދަ ތަންތަން ބަލައި ފާސްކުރުމާއި އަދި ގޭންގުތަކަށް ނިސްބަތްވާ ފަރާތްތަކާ ގުޅޭ ގޮތުން މީގެ ކުރިން ހުށަހެޅިފައިވާ މައްސަލަތައް އަލުން ދިރާސާކޮށް ފުލުހުން އިސްނަގައިގެން އެފަދަ މައްސަލަތައް އަވަހަށް ނިންމައި އެފަރާތްތަކަށް ލިބެން ޖެހޭ އަދަބުތައް ދިނުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް އެދިވަޑައިގެންނެވި އެވެ.
ގޭންގު ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ޢާންމު ރައްޔިތުންގެ އެއްބާރުލުން ހޯދުމަށާއި ފުލުހުންނަށް މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ އައިޑެންޓިޓީ ނޭނގޭ ގޮތަށް މަޢުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމްތައް ހުރިކަން ޢާންމުންނަށް ބުނެދީ ތޫނު ހަތިޔާރުން ދެވޭ ހަމަލާތަކާ ދެކޮޅަށް ޚާއްސަ ކެމްޕެއިންތައް ކުރިއަށް ގެންދިއުމަށް ވެސް ކޮމިޝަނަރު އެދިވަޑައިގެންނެވި އެވެ.
ޓާސްކް ފޯސްގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް ގެންދާ އިރު އެ ޓީމްގައި ހިމެނިވަޑައިގަންނަވަނީ ފުލުހުންގެ އެގްޒެކެޓިވް ލެވެލްގެ އޮފިސަރުންނެވެ. އޭގެތެރޭގައި ފޮރެންސިކް ޑައިރެކްޓްރޭޓާއި އިންޓެލިޖެންސް އެންޑް ކޯވަޓް ޕޮލިސިން އާއި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޑައިރެކްޓްރޭޓާއި ސެންޓްރަލް އޮޕްރޭޝަން ކޮމާންޑާއި ޑިވިޝަނަލް އޮޕަރޭޝަން ކޮމާންޑުގެ އިސްވެރިން ހިމެނިވަޑައިގަންނަވަ އެވެ.