23 May 2013, 14:34
މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ އިންތިހާބު އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
އިންތިހާބު ބޭއްވުމުގެ ކުރިން އެއިންތިހާބާ ބެހޭ މައުލޫމާތުތައް މީޑިއާ އާއި ހިއްސާ ކުރުމަށް މިއަދު މެންދުރު ހެންވޭރު ބޯޅަ ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮލިމްޕިކް ކޮމެޓީގެ ރައީސް އަދި އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް އިސްމާއީލް ވިދާޅުވީ، މިހާރު އޮތް އޮލިމްޕިކް ކޮމެޓީގެ ދައުރު އަންނަ ޖުލައި މަހުގެ 11 ވަނަ ދުވަހަށް ހަމަވާތީވެ، ދައުރު ނިމުމުގެ ކުރިން ބޭއްވުމަށްޓައި އޮލިމްޕިކް ކޮމެޓީން މިހާރު ވަނީ އިންތިހާބު ބޭއްވުމަށްޓައި އިންތިހާބާ ބެހޭ ސެޑިއުލެއް ތައްޔާރު ކޮށްފައި ކަމަށެވެ. އެގޮތުން އިންތިހާބު ކުރިއަށް ގެންދިއުމަށްޓައި އެކްސްކޯގެ ބައްދަލުވުމެއް ބޭއްވުމަށްފަހު އިންތިހާބާ ބެހޭ ކޮމެޓީއެއް އުފައްދާފައި ކަމަށް އިބްރާޙިމް އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އިންތިހާބަށް އުފައްދާފައިވާ ކޮމެޓީގައި ތިއްބަވަނީ ޖުމްލަ ފަސް މެންބަރުން ކަމަށާއި އެގޮތުން އެ ކޮމެޓީއާއެކު އޮލިމްޕިކް ކޮމެޓީގެ އެކްސްކޯގެ ފުރަތަމަ ބައްދަލުވުން މިރޭ ބޭއްވުމަށް ވަނީ ނިންމާފައިވާ ކަމަށެވެ.
އިންތިހާބަށް އެކުލަވާލި އެ ކޮމެޓީގެ ފަސް މެންބަރުންނަކީ ގާނޫނީ ވަކީލް އަބްދުﷲ ޝާއިރު އާއި ލޯޔަރު ހުސައިން ސިރާޖާއި ރާއްޖޭގެ ކުޅިވަރުގެ ގައުމީ އިނާމް ލިބިފައިވާ އަބްދުﷲ އާމިރާއި އެސޯސިއޭޝަންގެ އިންތިހާބު ތަކުގައި މީގެ ކުރިން ވެސް މަސައްކަތް ކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ރެފްރީ އަލީ ސަލީމް އަދި އޭޝިޔާގެ އެންމެ މޮޅު މެޗު ކޮމިޝަނަރުގެ މަގާމް ހޯދައިފައިވާ އަބުދުލް ހަމީދު އަބުދުލްޣަފޫރު (އައްޑޯ) އެވެ.
އިބްރާހީމް އިސްމާއީލް ވިދާޅުވީ، އިންތިހާބު ބާއްވާނެ ތާރީހާ ބެހޭ މައުލޫމާތުތައް މިއަދުގެ ވަގުތެއްގައި ކަމާ ބެހޭ ހުރިހާ އިދާރާތަކަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ރޭ 10:00ގައި އިންތިހާބު ބާއްވާނެ ކަމަށެވެ.
އިންތިހާބުގެ އެޕްލިކޭޝަން ފޯމްތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. އެހާ ހިސާބުން ފެށިގެން މަގާމްތައް ވެސް އިއުލާން ކުރާނެ ކަމަށެވެ. އަދި ފޯމްތައް ދޫނުރާނީ އޮލިމްޕިކް ކޮމެޓީގެ އިދާރާއިން ސަރުކާރު ބައްދުނޫން ކޮންމެ ދުވަހެއްގެ 9:30 އިން 4:00 އަށެވެ.
"އެޕްލިކޭޝަން ފޯމް ތައް ބަންދުކުރާނީ 23 ޖޫން ގެ 14:30 ގެ ކުރިން. އަދި އެޕްލިކޭޝަންތައް އަޅުގަނޑުމެންގެ ކޮމެޓީން ބަލުމަށްފަހު، ކެންޑިޑޭޓުންގެ ނަންތަކާއި އެކެނޑިޑޭޓުން ކުރިމަތިލައިފާ މަގާމްތައް އިއުލާން ކުރާނެ. އަދި ލިސްޓު ފައިނަލް ކުރުމުގެ ހުރިހާ ކަމެއް 27 ޖޫން އަށް ނިމިގެން ދާނެ. އަދި ޖުލައި މަހުގެ އެއް ވަނަ ދުވަހު އަޅުގަނޑުމެންގެ އެސޯސިއޭޝަންތަކަށް ރަސްމީކޮސް މިކަން އަންގާނަން،" އިބްރާހީމް އިސްމާއީލް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަފުޅު ދައްކަވަމުން އޮލިމްޕިކް ކޮމެޓީގެ މިހާރުގެ ރައީސް އިބްރާހީމް އިސްމާއީލް ވިދާޅުވީ، އާދައުރަކަށް ކުރިމަތި ލުމުގެ ވިސްނުމެއް އަދި ނުގެންގެން ގުޅޭ ކަމަށާއި އަދި "އޮތީ އިންތިހާބުގައި ކުރިމަތި ނުލާގޮތައް،" ކަމަށެވެ.
އޮލިމްޕިކް ކޮމެޓީގެ މިހާރުގެ ޖެނެރަލް ސެކެރެޓަރީ އަހުމަދު މަރުޒޫގް (މަރޭ) ވިދާޅުވީ، ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރުމާ މެދު އަންނަ ހަފްތާގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ. އަދި އެކަން ކުރާނީ ނޫސްވެރިންނާއެކު ކަމަށް ވެސް މަރޭ ވިދާޅުވި އެވެ.