23 May 2013, 14:29
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާސީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށް ކޯޓު އަމުރަކަށް ދޫކޮށްލި ސިފައިންގެ މީހާ ހައްޔަރުކޮށް، އެ މައްސަލައިގެ ތުހުމަތުގައި ކުރިން ހައްޔަރުކޮށް ދޫކޮށްލި، އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ދަނބިދަރިފުޅުގެ އަބްދުﷲ ޖާވިދާ އެކު އިތުރު ދެ މީހެއްގެ ޕާސްޕޯޓް އިމިގްރޭޝަނުން މިއަދު ހިފަހައްޓައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ ތުހުމަތު ހ.ހިލްޓަން އަޒްލީފް ރައޫފް ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލައާ ގުޅުން ހުރި ބައެއް މީހުންގެ ޕާސްޕޯޓް ހިފަހައްޓައި ދިނުމަށް އެދި އިމިގްރޭޝަންގެ ކޮންޓްރޯލާގެ އަރިހުން އެދިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލަރު މުހައްމަދު އަލީ މިއަދު "ސަން" އަށް ވިދާޅުވީ ފުލުހުން ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު އަބްދުﷲ ޖާވިދުގެ އިތުރުން އިތުރު ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އޭނާ ވެސް ނުދެއްވަ އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އަބްދުﷲ ޖާވިދުގެ އިތުރުން އެ މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ އެދުމަކަށް މިއަދު ޕާސްޕޯޓް ހިފަހައްޓާފައިވާ އަނެއް ދެ މީހުންނަކީ ޝަހީން މުހައްމަދާއި ސޮލާހު އަބްދުﷲ (ސްޕައި) އެވެ.
އިމިގްރޭޝަން ޕާސްޕޯޓް ހިފަހައްޓާފައިވާ ސޮލާހު އަބްދުﷲ (ސްޕައި) އަކީ ޑރ. އަފްރާޝީމް "ދުއްވާލަން" ޖެހޭ ކަމަށާއި އެކަން ކުރުމުން ހަތަރު މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަޒްލިފް އޭނާ ކައިރީގައި ބުނި އިރު އަޒްލިފާ އެކު ހުރި މީހެއް ކަމަށް ޑރ. އަފްރާޝީމަށް ކަތިވަޅިން ހަމަލާދީފައިވާ ކަމަށް އިއްޔެ ޝަރީއަތުގެ މަޖިލީހުގައި އެއްްބަސްވެފައިވާ ހ.ލޮބީ ހުސެއިން ހުމާމް އަހުމަދު ވަނީ ބުނެފަ އެވެ.