ގދ. ފަރެސްމާތޮޑާ އިން ޑިންގީއެއްގައި ނުކުމެ އުޅެނިކޮށް ވީނުވީއެއް ނޭނގި ގެއްލުނުތާ ދެ ހަފްތާ ފަހުން، ޖަރުމަނުގެ ބޯޓަކަށް ނަގާފައި ވަނިކޮށް ފެނުނު މީހާ އަށް ފޯނުން ގުޅުއްވައި ރައީސުލްޖުމްހޫރިއްުޔާ ޑރ. މުހައްމަދު ވަހީދު އޭނާގެ ހާލު ބައްލަވައިފި އެވެ.

ގދ. ފަރެސްމާތޮޑާ ރޯޒީސައިޑް، މުހައްމަދު ފަލާޙު، 30، އަށް ރައީސް ވަހީދު ވަނީ މިއަދު ފޯނުން ގުޅުއްވައި، އޭނާ ފެނުނު ކަމަށްޓަކައި ﷲގެ ހަޒުރަތަށް ހަމްދާއި ޝުކުރު ދަންނަވާ ކަމަށް ވިދާޅުވެ، އޭނާ އަށާއި އޭނާގެ އާއިލާ އަށް ހެޔޮއެދުންތައް ފޮނުއްވާފައިފަ އެވެ. ފަލާޙުގެ ވާހަކައިގައި ރައީސް ވަހީދު އޭނާ އަށް ފޯނުން ގުޅުއްވީތީ، ވަރަށް ބޮޑަށް އުފާކުރައްވާކަން ކަމަށް ބުނެ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އެ ބޯޓު މެލޭޝިޔާ އަށް ދިޔުމާ އެކު، ވެވަޑައިގެންނެވިހާ އަވަހަކަށް އޭނާ ރާއްޖެ ގެންނެވުމަށްޓަކައި ކުރައްވަން ޖެހޭ މަސައްކަތްތައް، ސަރުކާރުން ކުރައްވަމުން ގެންދަވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

މެލޭޝިޔާ އަށް ދަތުރުކުރަމުން ދިޔަ ޖަރުމަންގެ ބޯޓަށް އެ ގިނޑީ ފެނިފައި ވަނީ ރާއްޖެއާ 900 މޭލު ދުރުންނެވެ. އެ ބޯޓު ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މެލޭޝިއާއަށް ދާނެ ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ފަލާހް ގެއްލިފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހުގެ ހަވީރު ކުޑަ ޑިންގީއެއްގައި ފަރެސްމާތޮޑާ ކައިރީގައި އޮންނަ "ފާތިހުއްޓާ" ކިޔާ ފަޅުރަށެއްގެ ކައިރިންނެވެ. އަދި އޭނާ ގެއްލުނީ އައުޓް ބޯޑް އިންޖީނެއް އަޅާފައިވާ 14 ފޫޓްގެ ގުރާފެހި ކުލައިގެ ދަވާދު ލާފައިވާ ޑިންގީއެއްގައި އުޅެނިކޮށެވެ.