ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ވަތަނީ ކިބުރުވެރިކަން އާލާކޮށް ވަތަނީ ކިބުރުވެރި ކަމަކީ ގައުމީޔަތު ކަމަށް ދައްކަމުންދާ ކަމަށާއި އެހެން ނަމަވެސް ވަތަނީ ކިބުރުވެރި ކަމަކީ ގައުމީޔަތެއް ނޫން ކަމަށް ކުރީގެ ރައީސުލްޖުމްހޫރީއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ކުޑަފަރީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބައެއް ފަރާތްތަކުން ވަތަނީ ކިބުރުވެރިކަން އާލާކޮށް އެއީ ގައުމީ ރޫހު ކަމުގައި ވަކާލާތު ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ ތެރޭގައި ބައެއް ބޭފުޅުން ވަކާލާތު ކުރަމުން މިދާ ވަތަނީ ކިބުރިވެރިކަން އެއީ ހައްދުފަހަނައަޅާފައިވާ ވަތަނީ ކިބުރުވެރި ކަމެއް. އަޅުގަނޑަކީ މާ މޮޅު މީހަކަށް ވީތީ މިވެނި ރަށެއްގެ މީހަކަށް ވީތީ. މިވެނި ރާއްޖެއެއްގެ މީހަކަށް ވީތީ. އަޅުގަނޑު މާ މޮޅު މީހަކަށް ވެގެން ދަނީ އަޅުގަނޑު ދިވެއްސަކަށް ވީތީވެ. ވަތަނީ ކިބުރުވެރިކަން އަޅުގަނޑުމެންގެ ތެރޭގައި އާލާކޮށް އެއީ ގައުމީ ރޫޙު ކަމުގައި އަޅުގަނޑުމެން މިދަނީ ދައްކަމުން. ގައުމީޔަތަކީ އެއީއެއް ނޫން. ދިވެހި ގައުމީޔަތަކީ މާތްވެގެންވާ އިސްލާމްދީނާއި އިންސާނީ ހައްގުތަކާއި އިޖުތިމާއީ ރައްކާތެރިކަމާއި، އިގްތިސާދީ ފުއްދުންތެރިކަން ލިބިފައިވާ ދިވެހި މީހާ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ބޭރުގެ ގައުމްތަކާ ވަކިން އުޅެވެން ނެތް ކަމަށާއި އެހެން ކަމުން ބޭރު ގައުމްތަކަށް މަލާމާތްކޮށް ފުރައްސާރަކޮށް ހަދައިގެން ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ ބޭރުގެ ގައުމްތަކާއި ގުޅިގެން އުޅެން ޖެހޭ ބައެއްކަން އެނގެނީ ރާއްޖޭގައި ބަނދަރެއް ހަދަން ވިޔަސް އަދި އެހެން ކަމެއް ކުރަން ވިޔަސް އެ ސާމާނެއް ގެންނަން ޖެހެނީ ބޭރުގެ ގައުމްތަކުން ކަމަށާއި ރާއްޖޭގައި ހަމައެކަނި އޮތް އެއްޗަކީ ރާއްޖޭގެ ފަތުވެރިކަމާއި ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ބޭރުގެ ގައުމުތަކުން ރާއްޖޭގައި އިންވެންސްޓް ކުރުމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއިން ބޭރުގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ ރާއްޖޭގެ މިނިވަންކަން ވެސް އަދި ރާއްޖޭގެ ދާހިލީ އެއްވެސް ކަމަކަށް ބުރުލެއް އަރާނެ ކަމެއް ނޫން ކަމަށް އެމަނިކުފާން ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަން އދ ގެ މުއާހަދާތަކުން ވެސް ދިވެހިންނަށް ކަށަވަރު ކޮށްދޭ ކަމަށެވެ.

"ދިވެހިރާއްޖޭގެ މިނިވަންކަން ދިވެހިރާއްޖޭގެ ދާހިލީ އެއްވެސް ކަމަކަށް ބޭރު ކުންފުންޏަކުން މި ރާއްޖޭގައި އިންވެސްޓް ކުރުމަކުންނެއް ބަދަލެއް އަންނާނެ ކަމަށް އަޅުގަނޑުމެން ދެކިގެން ނުވާނެ. އަޅުގަނޑުމެންގެ ގާނޫނުތައް ވެސް އަދި އދ. ގެ މުއާހަދާތަށް ވެސް އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ މިނިވަންކަން ރައްކާތެރި ކުރުމަށް އެހީވެދޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާން ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމަށްޓަކައި ރާއްޖެއަށް ބޭރު ފައިސާ އަދި ބޭރުގެ އިންވެސްޓްމެންޓްތައް އަންނަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެ އާއި އަވައްޓެރި ގައުމްތަކުން ހޯދަމުން އަންނަ ތަރައްގީ އާއި ކުރިއެރުން ރާއްޖެ އަށް ވެސް އަންނަން ޖެހޭ ކަމަށާއި މިހާރު ރާއްޖެ ތަރައްގީވެފައި މިވާ މިންވަރަކީ ރާއްޖެ އަށް ހައްގު މިންވަރު ނޫން ކަމަށެވެ. އެހެން ކަމުން ރާއްޖޭއާއި އަވައްޓެރި ގައުމްތަކަށް އައިސްފައިވާ ތަރައްގީއާއި ކުރިއެރުން ރާއްޖޭގެ ރައްޔިތުންނަށް ވެސް ހައްގުވާ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން ބޭނުންވާ މިންވަރަށް ރާއްޖެ ތަރައްގީ ކުރުމަށްޓަކައި ރައްޔިޔުތުންގެ ވިސްނުން ބަދަލް ކުރާން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ރާއްޖޭގެ ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދުމަށްޓަކައި އަޅުގަނޑުމެންނަށް ހައްގުވާ މިންވަރު ހޯދުމަށްޓަކައި އަޅުގަނޑުމެންގެ ވިސްނުން މި ރާއްޖޭގެ އަސްކަރިން ބޭރަށް ދާން އެބަ ޖެހޭ. ލާމެހިފައިވާ ދުނިޔެއްގައި އަޅުގަނޑުމެންގެ ރާއްޖެ ފައިހަމަ ކުރާން އެބަ ޖެހޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް ހަތަރު މަހަކީ ރާއްޖޭގެ ރައްޔިތުން ދެކޭނެ އެންމެ މުހިންމު ހަތަރު މަސް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ހަތަރު މަސް ތެރޭގައި ރާއްޖޭގެ ރައްޔިތުން ނިންމަން ޖެހެނީ ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ވެރިކަން ހަވާލު ކުރާނެ ފަރާތެއް ނޫން ކަމަށާއި ނިންމަން ޖެހިފައި ވަނީ ކުރިއަށް އޮތް ރާއްޖޭގެ މުސްތަގްބަލު ކަމަށެވެ.

ދިވެހިރާއްޖެ ދެކޭނެ އެންމެ މުހިންމު ހަތަރު މަސް ދުވަސް އަޅުގަނޑަށް ފެންނަ ފެނުމުގައި މިހާރު ދިވެހިރާއްޖެ ދެކެމުން މި ދަނީ. މި ހަތަރު މަސް ދުވަސް ތެރޭގައި ދިވެހިރާއްޖޭގެ ރައްޔިތުން މި ނިންމަނީ ކުރިއަށް އޮތް ފަސް އަހަރެއް ނޫން. ދިވެހިރާއްޖޭގެ މުޅި މުސްތަގްބަލް. އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންގެ މުސްތަގްބަލް. އަޅުގަނޑުމެންގެ ރާއްޖޭގެ މިސްރާބް،" ރައީސް ނަޝީދު ވިދާޅުވި އެވެ.