ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ޗައިނާގެ މަތީ ފަންތީގެ ފަރާތްތަކަށް ޓާގެޓް ކުރަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރުގެ ނައިބު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރުގެ ނައިބު މުހައްމަދު މަލީހު ޖަމާލު "ސަން" އަށް ވިދާޅުވީ ރާއްޖެއަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކީ ޗައިނާ ކަމުގައިވާއިރު އެ ގައުމުގެ މަތީ ފަންތީގެ މާކެޓަށް އަމާޒު ކުރަން ޖެހޭކަމަށާއި އަދި ޗައިނާ ޓޫރިސްޓުނަށް އަމާޒްކޮށްގެން އަގު ހެޔޮކުރުން ހުއްޓާލަންޖެހޭ ކަމަށެވެ.

"ޗައިނާގެ މަތީ ފަންތީގެ ޓުއާ އޮޕަރޭޓަންނާއި ގުޅުން ބަދަހި ކުރެވެންޖެހޭ، އަދި ބައެއް ފަހަރު ޗައިނާ މާކެޓްވީމަ ބައެއް އޮޕަރޭޓަރުން ނުވަތަ އެޗެންޓުން އަގު ދައްކޮށްލާ، އަޅުގަނޑު ދެކޭގޮތުގައި ޗައިނާ މާކެޓަށް އަގު ދައްކުރުމަކީ ހައްލެއް ނޫން، ހަމަ ރަނގަޅު އަގު ނަގަންވީ އޭރުން އެއަގަށް އަންނާނީ އެއަގާއި ގުޅޭ ފަތުރުވެރިން،" މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ ޗައިނާގެ މާކެޓް ވެސް އަގުބޮޑު ކުރަންޖެހޭ ކަމަށާއި އަގު ބޮޑުކުރުމުން އެ މާކެޓުން އަންނަ ޓޫރިސްޓުންގެ އަދަދު މަދެއް ނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޗައިނާގެ ޓޫރިސްޓުންގެ އަތުން އިތުރު ފައިސާ ހޯދުމަށްޓަކައި ރާއްޖެއިން ވިޔަފާރި ކުރުމަށް ލަގްޒަރީ ބްރޭންޑް ފިހާރަތައް ވެސް ހުންނަންޖެހޭއިރު އެމީހުނަށް ހާއްސަ މޫދު ކުޅިވަރުތަކާއި ފެތުމާއި އެކިކަހަލަ އެކުސްކާޝަންތައް ބޭއްވެންޖެހޭ ކަމަށެވެ.

ޗައިނާ އަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެގޮތުން މިދިޔަ މަހު ވެސް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ. އަދި އެ ގައުމުން މިދިޔަ މަހު ރާއްޖެއަށް ވަނީ 20329 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ.