ރާއްޖޭގެ އެއްވެސް ސަރަހައްދެއް އަސްކަރީ ބޭނުމަކަށް އެމެރިކާ އަށް ދޭން ވާނީ މަޖިލީހުން ފާސްކޮށްގެން ކަމަށް އެޓާނީ ޖެނެރަލް އައިޝަތު ބިޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން އެޓާނީ ޖެނެރަލް ވިދާޅުވީ، އެމެރިކާ ސިފައިންނާ ދިވެހި ސިފައިން ގުޅިގެން ތަމްރީންތައް ހިންގުމަށް އެމެރިކާ އިން ހުށަހަޅާފައިވާ ސްޓޭޓަސް އޮފް ފޯސަސް އެގްރިމަންޓް (ސޯފާ)އާ ގުޅޭ ގޮތުން މާޗް 21 ވަނަ ދުވަހު ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޑިފެންސް މިނިސްޓްރީ އަށް ލަފާ ދެއްވާފައިވާ ކަމަށެވެ. އެގޮތުން އެ އެގްރިމަންޓާ ގުޅޭ 12 ކަމެއް ފާހަގަކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭގެ ތަފުސީލެއް އޭޖީއެއް ނުދެއްވަ އެވެ.

"އާޒިމާ ދެއްވާފައިވާ ލަފާ އެގޮތަށް އަދި އޮތީ. އަޅުގަނޑުމެން އެ ލަފައަކަށް ބަދަލެއް ނުގެންނަން. އޭގެ ތެރޭގައި އެބަހުރި ގާނޫނު އަސާސީއާ ގުޅުން ހުރި ކަންތައްތަކެއް ވެސް ފާހަގަކޮށްފައި. އަދި ދައުލަތުގެ ކަމާ ބެހޭ އެހެން މުއައްސަސާތަކުގެ ލަފާ ހޯދަން ޖެހޭ ކަންތައްތަކެއް ވެސް،" އޭނާ ވިދާޅުވި އެވެ.

ބިޝާމް ވިދާޅުވީ އެމެރިކާއިން ހުށަހަޅާފައިވާ އެގްރިމަންޓްގައި ސޮއިކުރަން ވަނީ އެ ލަފާގައި ފާހަގަކުރައްވާފައިވާ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު ކަމަށް ޑިފެންސް މިނިސްޓްރީ އަށް އަންގާފައިވާނެ ކަމަށެވެ.

"އަޅުގަނޑަށް ފާހަގަކުރެވޭ އެއްކަމަކީ އަސްކަރީ ބޭނުމަކަށް ރާއްޖޭގެ އެއްވެސް ބައެއް ދޭން ވަނީ ގާނޫނު އަސާސީގެ 251 ވަނަ މާއްދާގައިވާ ގޮތަށް މަޖިލީހުގެ ޖުމްލަ މެމްބަރުގެ އަގުލަބިއްޔަތުން ފާސްވެގެން. އެނޫން ގޮތަކަށް އަސްކަރީ ބޭނުމަކަށް ބޭރުގެ ބަޔަކަށް ރާއްޖޭގެ އެއްވެސް ތަނެއް ނުދެވޭނެ،" އޭޖީ ވިދާޅުވި އެވެ.

އެ އެއްބަސްވުމުގައި ދެ ގައުމުގެ އަސްކަރީ ބޭނުންތަކަށް ވަކި ސަރަހައްދެއް ކަނޑައަޅާ މުއްދަތަކަށް ދޭންވާނެ ކަމަށް ބުނެފައިވެ އެވެ.

ޑިފެންސް މިނިސްޓަރު ނާޒިމް ކުރިން ވިދާޅުވެފަައި ވަނީ ސޯފާ އެގްރިމެންޓަކީ އެމެރިކާއިން ދިވެހި ސަރުކާރަށް ހުށަހަޅާފައިވާ އެގްރިމެންޓެއް ކަމަށާއި ދިވެހި ސަރުކާރުން އެކަމާ މެދު ގޮތެއް އަދި ނިންމާފައި ނުވާ ކަމަށެވެ.

"ސޯފާއަކީ އެމެރިކާ ސިފައިންގެ ތަމްރީންތައް ކުރިއަށް ގެންދިއުމަށް ގައުމުތަކާ އެކު ހަދާ އެއްބަސްވުމެއް. އެއީ ބޭސްއެއް ހެދުމަށް ބެހޭ ކަމެއް ނޫން. ބޭސް އެއް ހެދުމަށް ހުށަހަޅާފައެއް ވެސް ނުވޭ. ސޯފާ އެގްރިމެންޓް ހުށަހެޅުމުން މިހާތަނަށް ސަރުކާރުން ގޮތެއް ނިންމާފައެއް ނުވާނެ،" ނާޒިމް ވިދާޅުވި އެވެ.