23 May 2013, 13:10
ރާއްޖޭގައި ހިންގާފައިވާ އިންސާނިއްޔަތާ ހިލާފު މައްސަލަތައް ނުބެލެނީ ޝަރުއީ ނިޒާމުގައި ހުރި ސީރިއަސް މައްސަލަތަކެއްގެ ސަބަބުން ކަމަށް ބުނެ، އެމްނެސްޓީ އިންޓަނޭޝަނަލް އިން ރާއްޖެއަށް ފާޑު ކިޔައިފި އެވެ.
އެމްނެސްޓީން ކޮންމެ އަހަރަކު ނެރޭ "ސްޓޭޓް އޮފް ދަ ވޯލްޑްސް ހިއުމަން ރައިޓްސް"ގެ މިއަހަރުގެ އަދަދުގައި ބުނެފައި ވަނީ "ޝަރުއީ ނިޒާމުގައި ހުރި ސީރިއަސް މައްސަލަތަކެއްގެ ސަބަބުން ކުށްތަކަށް އަދަބު ނުލިބިވާ،" ކަމަށެވެ.
ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި މައްސަލަތަކުގެ ގޮތުގައި ރިޕޯޓްގައި ފާހަގަކޮށްފައި ވަނީ ހަމަހަމަ ކަމާ އެކު އެންމެންނަށް އިންސާފު ހޯދައި ދެވޭ ފަދަ ގާނޫނުތައް ނެތުމާއި ތައުލީމީ ފެންވަރު ނެތް ފަނޑިޔާރުން ކޯޓްތަކަށް އައްޔަން ކުރުން ހިމެނެއެވެ.
ރާއްޖޭގައި މިދިޔަ އަހަރު ހިނގި މުޒާހަރާތަކުގައި ކުށްވެރި އަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް އަވަހަށް ޝަރީއަތް ހިންގާފައި ވާއިރު ހަމަ އެ މުޒާހަރާތަކުގައި އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގާފައިވާ ފުލުހުންނާ ދެކޮޅަށް ޝަރީއަތް ހިންގުމަށް ޝަރުއީ ނިޒާމުން ވަނީ ނުކުޅެދިފަ އެވެ.
ރާއްޖޭގައި މަރުގެ އަދަބު ނުދޭތާ 60 އަހަރަށް ވުރެ ގިނަވެފައި ވަނިކޮށް އެއަދަބު އަލުން ދޭން ފަށާފާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށް ވެސް އެމްނެސްޓީގެ ރިޕޯޓްގައި ބުނެފައިވެ އެވެ.
"މަދުވެގެން ދެ މީހެއްގެ މައްޗަށް މަރުގެ ހުކުމް ވަނީ އިއްވާފައެވެ، ނަމަވެސް އެއްވެސް މީހަކަށް މަރުގެ އަދަބު ދީފައެއް ނުވެއެވެ. ގާނޫނުގެ ދަށުން މަރުގެ އަދަބު ދޫކޮށް ނުލެވޭނެ ކަމަށް ވިދާޅުވެ އުއްތަމަފަނޑިޔާރާއި ހޯމް މިނިސްޓަރު ވަނީ ބަޔާން ދެއްވާފައެވެ، އަދި މަރުގެ އަދަބު ތަންފީޒުކުރެވޭ ގޮތަށް ސަރުކާރުން ބިލެއް ޑްރާފްޓް ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް އައިސްފައި ވާތީ 60 އަހަރަށް ވުރެ ގިނަ ދުވަސްފަހުން މަރުގެ އަދަބު ތަންފީޒކުރަން އަލުން ފެށިދާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތެވެ،" ރިޕޯޓްގައިވެ އެވެ.