ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތަށް، ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޑރ. މުހައްމަދު ޖަމީލް އަހުމަދު ނުފޫޒު ފޯރުއްވާފައިވާ ކަމަށް ބުނެ، އެމްޑީޕީގެ ފަރާތުން ދައުވާ ނުކުރެވޭނެ ކަމަށް ބުނެ ޑރ. ޖަމީލްގެ ގާނޫނީ ވަކީލް އިޖުރާޢީ ނުކުތާއެއް ނަންގަވައިފި އެވެ.

ސިވިލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޑރ. ޖަމީލްގެ ގާނޫނީ ވަކީލް ޒާއިދު އަހުމަދު ވިދާޅުވީ ޑރ. ޖަމީލްގެ މައްޗަށް އެ ދައުވާ ކުރުމުގެ ހައިސިއްޔަތު އެމްޑީޕީ އަށް ލިބިގެން ނުވާ ކަމަށެވެ.

އެމްޑީޕީން ކުރި ދައުވާގައި ބުނެފައި ވަނީ އެ މައްސަލައަކީ އެ ޕާޓީއާ ސީދާ ގޮތުން ގުޅުން ހުރި ކަމެއް ކަމަށާއި އެ މައްސަލައާ ގުޅިގެން އެޕާޓީ އަށް ގެއްލުން ލިބި އެޕާޓީގެ ހައްގުތަކެއް ގެއްލިގެންދާނެ ކަމަށެވެ.

އެމްޑީޕީގެ އެދައުވާގެ ރައްދުގައި ޑރ. ޖަމީލްގެ ވަކީލު ވިދާޅުވީ އެ ދައުވާގައި އެމްޑީޕީން ފާހަގަކޮށްފައިވާ ކަންތައްތަކަކީ އެއްވެސް ގޮތަކުން ގާނޫނީ ބުރަދަނެއް ހުރި ކަންތައްތަކެއް ނޫން ކަމަށެވެ.

އިޖުރާއީ ނުކުތާއާ ގުޅިގެން އެމްޑީޕީގެ ގާނޫނީ ވަކީލް ވިދާޅުވީ ރައީސް ނަޝީދަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަމުގައިވާތީ އެދައުވާ އެމްޑީޕީ އަށް ކުރެވޭނެ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ގާޒީ ނިންމާލެއްވީ އިޖުރާއީ ނުކުތާއާ މެދު ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވުމަށް ފަހު އެވެ.