ހަށިގަނޑުގެ ތެރޭގައި ފޮރުވައިގެން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރި ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ހަށިގަނޑަށް ބްލެޓްތަކެއް ފަޅައިގެން ގޮސް، އޯވާޑޯޒްވެގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދިނުމަށް ފަހު އިތުރު ފަރުވާ އަށް ސްރީލަންކާ އަށް ގެންގޮސްފި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އުމުރުން 31 އަހަރުގެ އެ މީހާ އަށް އިތުރަށް ފަރުވާދިނުމަށް ލަންކާ އަށް ގެންގޮސްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.

ައައިޖީއެމްއެެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ އެ މީހާ ބޭރަށް ގެންގޮސްފައި ވަނީ އާއިލާއިން ބޭނުންވެގެން ކަމަށާއި ވެންޓިލޭޓަރުގައި އޮތް އެ މީހާ ބޭރަށް ގެންދިޔައިރު ވެސް ހަށިގަނޑުގެ ތެރޭގައި ހުރި ހުރިހާ އެއްޗެހި އެއްކޮށް ނެގިފައިނުވާ ކަމަށެވެ.

މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ޔޫއެލް ފްލައިޓަކުން، ލަންކާ މަގުން މާލެ އައި އެ ޒުވާނާގެ ހަށިގަނޑުގެ ތެރޭގައި ގިނަ އަދަދެެއްގެ މަސްތުވާތަކެތި އާޅާފައި ހުރި ބްލެޓްތަކެއް ފޮރުވާފައިވާކަން ފަޅާއެރީ އޭނާ އަމިއްލައަށް އައިޖީއެމްއެޗަށް ދައްކަން ދިއުމުން ޑޮކްޓަރުންނަށް އޭނާއާ މެދު ޝައްކުރެވިގެން ފުލުހުންނަށް ރިޕޯޓު ކުރުމުންނެވެ.

އެ މީހާ އަމިއްލައަށް ހޮސްޕިޓަލަށް ގޮސްފައި ވަނީ އެތަކެތި ދިރިވާލައިގެން އުޅެނިކޮށް އޭގެތެރެއިން ބައެއް އެއްޗެހި ހަށިގަނޑުގެ ތެރެއަށް ފަޅައިގެން ގޮސް، ފުރަގަސްފަރާތުންނާއި އަނގައިން ލޭ އަންނަން ފެށުމުންނެވެ.