ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބަޔާން މިޔުނިކާ ދެކޮޅަށް ބޮރޫޝިއާ ޑޯޓްމަންޑު ނުކުންނައިރު އަނިޔާގެ ސަބަބުން އެކުލަބުގެ އެޓޭކިން މިޑްފީލްޑަރ މާރިއޯ ގޮޓްޒާއަށް ނުކުޅެވޭނޭ ކަމަށް ޑޯޓްމަންޑުން ބުނެފިއެވެ.

އަންނަ ސީޒަނުގައި ބަޔާންއަށް ކުޅުމަށް ނިންމާފައިވާ 20 އަހަރުގެ ގޮޓްޒާއަށް އޭނާގެ މުސަތަގުބަލުގެ ޓީމާ ދެކޮޅަށް ކުޅެން އޮތް ފައިނަލްމެޗު ގެއްލުނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ރެއާލްއާ ދެކޮޅަށް ކުޅުނު މެޗުގައި ފައިގެން ފަލަމަސްގަނޑަށް ލިބުނު ގެއްލުމެއްގެ ސަބަބުންނެވެ. އަދި އޭގެ ފަހުން އޭނާ އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ.

ގޮޓްޒާ ބުނެފައިވަނީ މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޑޯޓްމަންޑު ގެންދިއުމަށްޓަކައި ބުރަ މަސައްކަތްތަކެއް އޭނާ ކޮށްފައި ވާނޭ ކަމަށާއި އަދި ޑޯޓްމަންޑަށް ޗެމްޕިއަންސް ލީގު ހޯދައި ދިނުމަކީ އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށެވެ.

"މި ފައިނަލަކީ އަހަރެން ވަރަށް ބޮޑަށް ހާސިލްކުރަން ބޭނުންވި ލަނޑުދަނޑިއެއް އަދި އެކަން ހާސިލް ކުރުމަށް އަހަރެއް ވަރަށް ބުރަ މަސައްކަތެއް ކުރިން. އެކަމަކު ކީއް ކުރާނީ. މިފައިނަލުގައި އަހަރެންނަށް ކުލަބަށް އެހީއެއް ވެ ނުދެވުނީތީ ވަރަށް ހިތާމަ ކުރަން،" ގޮޓްޒާ ބުންޏެވެ.

ޖުލައި އެކެއްގައި ބަޔާންއަށް ބަދަލުވާނޭކަން ހުސްވި އޭޕްރީލްގައި ގޮޓްޒާވަނީ ހާމަކޮށްފައެވެ. ގޮޓްޒާގެ 37 މިލިޔަން ޔޫރޯގެ ބަޔާން މިޔުނިކް ޓްރާންފާގެ ސަބަބުން އޭނާ ވެގެން ދާނީ ޖާމަންގައި މިހާރު އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. ޖަރުމަނުގެ ކުރީގެ ތަރި ފްރޭންޒް ބެކެމްބާ ސިފަކުރާ ގޮތުގައި ގޮޓްޒާ އަކީ ހަތަރު ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއާ އެއްފަދަ ކުޅުން ތެރިއެކެވެ.