ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބުގެ ޒުވާން ޑިފެންޑަރު ރިލްވާން ވަހީދު (ކަކާރިލޭ)ގެ އެއް މަހުގެ މުސާރަ ހިފަހައްޓަން އެކުލަބުގެ ބޯޑު މީޓިންގައި ރޭ ނިންމައިފި އެވެ.

ރިލޭގެ އެއް މަހުގެ މުސާރަ ހިފަހައްޓަން ނިއު އިން ނިންމީ، ކުލަބުގެ އެއްވެސް ހުއްދައެއް ނެތި އަދި ކުލަބަށް ނާންގާ މެލޭޝިޔާއަށް ގޮސް އެގައުމުގައި މިހާރު ކުރިއަށްދާ ފުޓްސަލް މުބާރާތެއްގައި އޭނާ ކުޅެމުންދާތީ އެވެ.

"ކުލަބުން މިހާރު ވަނީ ރިލޭއާ މެދު ފިޔަވަޅު އަޅަން ނިންމާފައި. ކުލަބުން ރިލޭއާ މެދު އަޅަން ނިންމާފައިވާ ފިޔަވަޅަކީ އޭނަ ގެ އެއްމަހުގެ މުސާރަ ހިފެހެއްޓުން" ނިއުގެ ޑައިރެކްޓާ އޮފް ފުޓްބޯލް އަލީ އަންވަރު ވިދާޅުވި އެވެ.

ރިލޭ މިހާރު ވަނީ ނިއުގެ ކޯޗް ޕޮޕޯފާއި އެޓީމުގެ ކުޅުންތެރިންގެ ކިބައިން މާފަށް އެދިފައި ކަމަށް ވެސް ނިއުއިން ރޭ ނެރުނު ބަޔާންގައި ބުނެފައި ވެއެވެ.

ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑްގައި ވެސް ހިމެނޭ ރިލޭ ނިއުއާ ގުޅިފައި ވަނީ މިއަހަރުގެ ފުޓްބޯޅަ ސީޒަންގައެވެ.