މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ އެއްވެސް އެސެޓެއް ނުވިއްކަން ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

މިނިސްޓަރު އަބްދުﷲ ޖިހާދު ސޮއިކުރައްވައި މިދިޔަ މަހުގެ 23 ވަނަ ދުވަހު އެމްޓީޑީސީ އަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެ ކުންފުންޏަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކާއި ހިންގުމަށް ދިމާވެފައިވާ މައްސަލަތަކަށް ރިއާޔަތްކޮށް، ވަޒީރުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެ ކޮމިޓީން އިރުޝާދު ދީފައި ވަނީ އެ މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން އެ ކުންފުނީގެ މައިގަނޑު މަޝްރޫއެއް ނުހިންގުމަށާއި ކުންފުނީގެ އެއްވެސް އެސެޓެއް ވިއްކުން ފަދަ ކަމެއް މި ވަގުތު ނުކުރުމަށް ކަމަށް އެ ސިޓީގައި ޖިހާދު ވިދާޅުވެފައިވެ އެވެ.

"މި މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން ތިޔަ ކުންފުނީގެ އެއްވެސް މައިގަނޑު މަޝްރޫއެއް ނުހިންގެވުމަށާއި ކުންފުނީގެ އެއްވެސް އެސެޓެއް ވިއްކެވުން ފަދަ ކަމެއް މިވަގުތަށް ކުރިޔަށް ނުގެންދެވުމަށާއި އެއްވެސް އިންވެސްޓްމަންޓެއް ކުރެއްވުން ފަދަ ކަމެއް ނުކުރެއްވުމަށެވެ،" އެ ސިޓީގައި މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ޖިހާދު ވިދާޅުވެފައި ވަނީ އެ ކުންފުންޏަށް ދިމާވެފައިވާ މައްސަލަތަކަށް ކޮންމެވެސް ހައްލެއް ހޯދުމަށް އެ މިނިސްޓްރީން ވެސް މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށެވެ. ނަމަވެސް އެ ސިޓީގައި އޭގެ އެއްވެސް ތަފުސީލެއް ހިމަނާފައެއްނުވެ އެވެ.

ސަރުކާރާއި ރައްޔިތުންގެ ހިއްސާ އޮންނަ ޓޫރިޒަމް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މަތީން މިއަދު ވިދާޅުވީ އެ ކުންފުނިން ހެރެތެރެ ވިއްކުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ ލަފައެއް ހޯދުމަށް އޭޕްރިލް 17ވަނަ ދުވަހު ފޮނުވި ސިޓީއަކާ ގުޅިގެން އެ މިނިސްޓްރީން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފިނޭންސް އިން އެ ސިޓީ ފޮނުވިއިރު ހެރެތެރެ ގަންނަން ދެ ފަރާތަކުން އޮތީ ހުށަހަޅާފައި. އަދި އެ ސިޓީއާ ގުޅިގެން އަޅުގަނޑުމެން ވަނީ ކުންފުނީގެ ލޯޔަރުންގެ ލަފާ ވެސް ހޯދާފައި. ލޯޔަރުން ވިދާޅުވީ އެކަމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް،" މަތީން ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ އެ ކުންފުންޏަށް މިވަގުތު އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ސ. ހެތެރެ ރިސޯޓު ވިއްކާލުމަށް އިއުލާންކުރުމުން ހުށަހެޅި ދެ ފަރާތުގެ ޕްރޮޕޯސަލްތަކާ މެދު ގޮތެއް ނިންމާނީ އަންނަ ހަފުތާގައި ޑިރެކްޓަރުންގެ ބޯޑާ އެކު މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.

މަތީން ވިދާޅުވީ ހެރެތެރެއަށް ހުށަހެޅި ދެ ޕްރޮޕޯސަލްގެ ތެރެއިން ދިވެހި ކުންފުންޏަކުން އެ ރިސޯޓް ގަންނަން ހުށަހަޅާފައިވާ ކަމަށެވެ. އަދި ޗައިނާގެ ކުންފުންޏަކުން ސަބްލީސް އުސޫލުން ހިންގަން ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ހިންދަމާލެވެން އޮތީ ހެރެތެރެއާ މެދު ގޮތެއް ނިމިގެން. އެހެންވެ އެކަން ރަނގަޅު ގޮތަކަށް ނިންމަން ވަރަށް ގިނަ ދުވަހު މަސައްކަތްކޮށްފިން. ދެން އެކަމާ މެދު ގޮތެއް ނިންމުން އޮތީ ބޯޑުގެ އަތްމަތީގައި،" މަތީން ވިދާޅުވި އެވެ.

ޓޫރިޒަމް ވިޔަފާރިކުރަން ސަރުކާރުން އުފެއްދި ކުންފުނީގެ މެޖޯރިޓީ ހިއްސާ ކޮންޓްރޯލްކުރަނީ އާއްމު ހިއްސާދާރުންނެވެ.