23 May 2013, 11:06
ގާތިލުންގެ މެރުމަށް ހުކުމަށް ދާން ޖެހެނީ ގިނަ ފަހަރު އަމިއްލަ އިއުތިރާފުވުމުންނެވެ. ކޯޓުތަކުން މީހުން މެރުމަށް ކުރާ ގިނަ ހުކުމްތައް ބުރަވަނީ ވެސް ގާތިލުގެ އިއުތިރާފަށެވެ. އިއުތިރާފާ ނުލައި، ހުށަހަޅާ ހެކިތަކުން ގިނަފަހަރު މުޖުރިމުން ސަލާމަތްވެ އެވެ. ހަސްމުގެ މައްޗަށް ޝައްކެތް ނެތް މިންވަރަށް މީހަކު މެރި ކަމަކަށް ސާބިތެއްނުކުރެވެ އެވެ. ހުށަހަޅާ ހެކިތަކުގެ ބާރު "ދެރަވަރު" ވުމުން ވެސް އެހެން ވެދާނެ އެވެ. އޮޅުން ބޮޅުން އަރާ ގޮތަށް ހެކި ހުރުމުން ވެސް މަރުގެ އަދަބުގެ ހުކުމަކަށް ނާދެވި ހިނގައިދެ އެވެ.
ރާއްޖޭގެ އަދުލުގެ ނިޒާމު އޮތް ގޮތުން މިހާތަނަށް އަމިއްލަ އިއުތިރާފުން އެކަނި މަރުގެ އަދަބަށް ހުކުމް ކުރެވެ އެވެ. ކިތަންމެ މޮޅު ހެއްކެއް ހުށަހެޅިޔަސް ޝަރުއީ އިޖުރާއަތްތައް ބައްޓަންވެފައިވާ ގޮތުން އެ ހެކި ބަލައިނުގަނެވިވެސްދެ އެވެ.
ނަމަވެސް ވުޖޫދަށް އަންނަން ތައްޔާރުވަމުންދާ ގާނޫނުލް އުގޫބާތުގެ ބިލުގައި ބުނާ ގޮތުން ހެއްކަކާ ނުލައި އަމިއްލަ އިއުތިރާފުން މަރުގެ އަދަބެއް ނުދެވޭނެ އެވެ. މަރުގެ އަދަބު ދެވޭނީ ޝައްކެއް ނެތް މިންވަރަށް ގާތިލުގެ މައްޗަށް ސާބިތުވާވަރަށް ހުށަހަޅާ ހެއްކިތަކުންނެވެ. ނުވަތަ އެ ހެކިތަކާއެކު އިއުތިރާފުވެގެންނެވެ. އަދި އެ މާއްދާގައި ބުނަނީ މީހަކު މަރާލި ގާތިލުގެ މައްޗަށް ހުށަހަޅާ ހެކިތަކުގައި އެއްވެސް ފުށުއައެރުމެއް ނުވަތަ އޮޅުންތަކެއް ހުރެއްޖެ ނަމަ މަރުގެ އަދަބު އެ މީހެއްގެ މައްޗަށް ސާބިތުކޮށްގެން ނުވާނެ ކަމަށެވެ.
ގާނޫނުލް އުގޫބާތުގެ ބިލު އާންމުންގެ ހިޔާލަށް ހުށަހެޅި އިރު، އެ މާއްދާއެއް ހިމަނާފައެއްނުވެ އެވެ. އެ މާއްދާ ހިމަނާފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ގާނޫނުލް އުގޫބާތުގެ ކޮމެޓީގެ ބައްދަލުވުމުގަ އެވެ.
އެ މާއްދާއަށް އެގޮތަށް ގެނައުމުން އެއްގޮތުން ރަނގަޅެވެ. މެންބަރުން ވެސް ވިދާޅުވާ ގޮތުގައި އެ މާއްދާއާ މެދު ކަންބޮޑުވުމެއްނެތެވެ. ސަބަބަކީ މީހަކު ސަލާމަތް ކުރަންވެގެން މަރުގެ އަދަބަކާ ހަވާލުވެދާނެ އެވެ. ނުވަތަ އަމިއްލައަށް އިއުތިރާފުވެދާނެ އެވެ. އަދި ބިރުން ހުރެ މީހަކު މެރި ކަމަށް އެއްބަސްވެދާނެ އެވެ. އެފަދަ ހާލަތްތަކުގައި ހަކައެކަނި އިއުތިރާފުން މަރުގެ އަދަބު ދީފިނަމަ ކަމާނުބެހޭ މީހެއްގެ "ޒަމާން ދިޔައީ" އެވެ. "އަސްލު" މުޖުރިމު ސަލާމަތްވުމުގެ ފުރުސަތު ބޮޑުވީ އެވެ.
ގާނޫނުލް އުގޫބާތު ކޮމެޓީގެ މުގައްރިރު އަހުމަދު ހަމްޒާ ވިދާޅުވެފައިވާ ގޮތުގައި އެ މާއްދާއެގޮތަށް ގެނެސްފައި ވަނީ ތަހުޒީބީ މުޖުތަމައުތަކުގައި ވެސް މަރުގެ އަދަބު ތަންފީޒު ކުރުމުގައި ހަމައެކަނި އިއުތިރާފަށް ބުރަނުވެ، ހެކިތަކުން އަމަލު ކަށަވަރު ކުރުމަށެވެ. ނުވަތަ ޝުބުހެއް ނެތް މިންވަރަށް ޖިނާއީ އެފަދަ ބޮޑު ކުށެއް ސާބިތު ކުރުމަށެވެ.
ގާތިލަކުގެ ކިބައިން ގިސާސް ހިފުމަށް ހުކުމް ކުރުމުގައި ކްރިމިނަލް ކޯޓުން ދާދިފަހުން ކުރި ތިން ހުކުމް ވެސް ބުރަވަނީ އަމިއްލަ އިއުތިރާފަ އެވެ. އެއީ ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށުގައި މ. މަސްރޫރާ، އަހުމަދު މުއްރަތާއި ށ. ގޮއިދޫ، ރިހާބު، ފާތިމަތު ހަނާ އާއި މ. މަސްރޫރާ، އަހުމަދު މުއްރަތު މެރުމަށް ހުކުމް ކުރީ އަމިއްލަ އިއުތިރާފަށެވެ. ކ. ކާށިދޫ ފުލުސް މީހާ އާދަމް ހަލީމް (އެޑަމް) މަރާލި ކަމުގެ ކުށް ސާބިތުވެ، ކ. ކާށިދޫ ސުވާސާގޭ މުހައްމަދު ސަމާހު މެރުމަށް ހުކުމް ކުރީ ވެސް އަމިއްލަ އިއުތިރާފަށެވެ. އަދި މއ. އެދުރުގޭ ހަސަން ޝާހިދު (ޝާޑު)، ގަސްތުގައި މަރާލި ކަމުގެ ކުށް ސާބިތުވެގެން އޭނާގެ ކުރީގެ އަނބިމީހާ ހ. ބައިކަނޑިގޭ މަރިޔަމް ނަޒާހާ އުމުރަށް ޖަލަށްލީ ވެސް އަމިއްލަ އިއުތިރާފަށެވެ. މަރުގެ އަދަބުން ނަޒާހާ ސަލާމަތްވީ ޝާޑުގެ ވާރިސުން މަރަށް މަރު ހިފަން ބޭނުން ނުވާތީ އެވެ.
މިއީ ހަމައެކަނި އަމިއްލަ އިއުތިރާފުން ހުކުމް ރައްދުވި ގާތިލުންނެވެ. ހެކިތަކަށް ބުރަނުވެ އެވެ. ހެއްކެއް ނެތަސް އެ މީހުންނަކީ ކުށުން ބަރީއަވާ ބައެއް ކަމަށްނުވެ އެވެ. ނަމަވެސް ކުށެއް ސާބިތު ކުރުމުގައި މައްސަލާގައި ވަށައިގެންވާ ހެކިތަކަށް ރިޔާއަތް ކުރަންޖެހޭނެ އެވެ. އާ ގާނޫނުލް އުގޫބާތުގައި ހެކިތަކުން ޝައްކު ފިލުވުމަށް ބާރު އަޅަނީ އެހެންވެގެނެވެ.
ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވީ އަމިއްލަ އިއުތިރާފަށް އެކަނި ބަލައިގެން ހުކުމް ކުރުމުގެ ސަބަބުން ކަންކުރި މީހާއަށް އަދަބު ނުދެވި އެބަހުރި ކަމަށެވެ. އެ ގޮތުން ބައެއް ގައުމުތަކުގައި އެފަދަ ކަންތައްތަކެއް ހިނގާފައިވާ ގޮތުން އޭނާ ކިޔައިދިނެވެ. ދާދިފަހުން ގަތަރުގައި މީހަކު ސަލާމަތް ކުރަންވެގެން ކުށެއް ކުރި ކަމަށް އެހެން މީހަކު އެއްބަސްވުމުން، އެކަން ނުކުރާ މީހަކަށް އަދަބު ލިބިފައި ހުރި ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
ނަމަވެސް އަމިއްލަ އިއުތިރާފުން އެކަނި އަދަބު ދޭންޖެހޭ ފަހަރު ވެސް އަތުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިސާލަކަށް ހެެއްކެއް އަދި އެއްވެސް ގަރީނާއެއް ނެތި މީހަކު ކަމެއް ކުރި ކަމަށް އިއުތިރާފުވެއްޖެ ނަމަ އެކަމަކީ ހިނގައިފައިވާ ކަމެއްކަމަށް ބުއްދިއަށް ގަބޫލު ކުރެވޭ ހާލަތުގައި އަދަބަކަށް ހުކުމް އައުން އެކަށީގެންވާ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
"ގަރީނާއެއް، ހެއްކެއް ވެސް ނެތި އެފަދަ ހާލަތުގައި ކުށެއްގެ ތުހުމަތުގައި ހުކުމް ކުރުމަކީ މުޅިން އެހެން މައްސަލައެއް. އެގޮތަށް ވެސް ހުކުމްކޮށްފައި އެބަހުރި. މިސާލަކަށް މީހަކު ބުންޏޭ ބުންޏޭ ބުނެ، ދައްކައިގެން އުޅޭ ވާހަކައަކާ ގުޅިގެން ބައެއް ހާލަތުގައި ހުކުމް އެބަ ކުރެވޭ. ހަމައެގޮތަށް މީހަކު މަރުވަމުން ބުނާ ވާހަކައެއްގެ މައްޗަށް ހުކުމް ކުރެވިފައި އެބަހުރޭ. އެއީ އެފަދަ ބަހެއް ދެން ހޯދާނެ އިތުރު ގޮތެއް ނެތުމުން،" އަލީ ހުސައިން ވިދާޅުވި އެވެ.
އަމިއްލަ އިއުތިރާފާއެކީގައި އެކަމެއް ހިނގި ގޮތާއި އެކަމުގައި ބައިވެރިވި މީހުންނާއި އިއުތިރާފަށް ބާރު ލިބިދޭ ހެކިތަކެއް ހުންނަން ޖެހޭނެ ކަމަށް ވެސް އަލީ ހުސައިން ވިދާޅުވި އެވެ.
ގާނޫނުލް އުގޫބާތުގައި މަރުގެ އަދަބު ދިނުމުގައި ހަމައެކަނި އަމިއްލަ އިއުތިރާފުން މަރުގެ އަދަބު ދިނުމަށް ދެކޮޅު ހަދާފައިވާއިރު އިސްލާމީ ޝަރީއަތުގައި މަރުގެ އަދަބު ދިނުމުގައި އަމިއްލަ އިއުތިރާފަކީ މަރަށް މަރު ހިފުމުގެ އަސްލެވެ. ކަމެއް ވަންހަނާކޮށްގެން ހުރެ ތައުބާވި ނަމަވެސް، ޝަރީއަތެއްގައި އިއުތިރާފުވުމަކީ ދުނިޔެމަތީގައި އޭނާ އަދަބަށް ހުށަހެޅުމެވެ.
އިސްލާމީ ފިގުހުގެ އިލްމުން ތައުލީމު ހާސިލު ކުރައްވައިގެން ހުންނެވި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރު އަހުމަދު އަބްދުލް ކަރީމް ވިދާޅުވީ އަމިއްލަ އިއުތިރާފަކީ ހެއްކަށް ނުފެދޭވަރަށް ދަށްކުރަންޖެހޭ ކަމަކަށް ހަދައިގެން ނުވާނެ ކަމަށެވެ. ނަމަވެސް އަމިއްލަ އިއުތިރާފާ އެކު އަދަބު ދިނުމުގައި ހެކިތަކަށް ރިޔާއަތް ކުރަންޖެހޭނެ ކަމަށް ވެސް އަހުމަދު އެއްބަސްވެވަޑައިގަންނަވަ އެވެ. އަދި ގާނޫނުލް އުގޫބާތުގެ އެ މާއްދާއާމެދު ތަފްސީލަށް ދެވޭނީ އެ މާއްދާ ރަނގަޅަށް ބެލުމަށްފަހުގައި ކަމަށް އަހުމަދު ވިދާޅުވި އެވެ.
އަމިލަ އިއުތިރާފަކުން މަރުގެ އަދަބު ދިނުމުގައި ދެކޮޅަށް ވެސް ވާހަކަދެއްކިދާނެ އެވެ. އަދި ދީނީ އިލްމުވެރިންނާއި ރާއްޖޭގެ ޝަރުއީ ނިޒާމުގެ ހާލަތު ދެނެ ހުރި ވަކީލުން ދައްކާ ވާހަކަތަކުން މަރުގެ އަދަބު ލުއި ގޮތުގައި ދޭނެ ގޮތަކާމެދު އެންމެ ފަހު ބަސް ބުނާނީ ގާނޫނުގައި އެ މާއްދާ ލިޔުމަށް މެންބަރުން އެއްބަސްވެ، ތަޅުމުން ފާސްކުރުމުންނެވެ.