ދިވެހި ސަރުކާރުން އެދިފައިވާ ގޮތުގެ މަތިން ދިވެހި ސިފައިންގެ ހޮސްޕިޓަލް ސެނެހިޔާއަށް އިންޑިއާ ސިފައިންގެ ހޭނައްތާ ޑޮކްޓަރެއް ފޮނުވައިފިއެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމު މިދިޔަ އޭޕްރިލް މަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ހޭނައްތާ ޑޮކްޓަރެއް ފޮނުވައި ދެއްވަން އެދިވަޑައިގެންނެވި ކަމަށެވެ. އަދި ބުނީ އެކަމަށް އިޖާބަދީ އާމްޑް ފޯސަސްގެ ހޭނައްތާ ޑޮކްޓަރެއް ކަމަށްވާ ވިންގް ކޮމާންޑަރް އަދިތުޔާ ސަޕްރާ އިއްޔެ ރާއްޖެއަށް ފޮނުވާފައިވާ ކަމަށެވެ.

އޭނާ ރާއްޖޭގައި މަސައްކަތް ކުރައްވާނީ އިއްޔެ އިން ފެށިގެން ޖޫން މަހުގެ 31 ވަނަ ދުވަހާ ހަމައަށް ކަމަށް ވެސް ހައިކޮމިޝަނުން ބުންޏެވެ.

ދިވެހިރައްޔިތުން އެހީއަށް އެދޭ ކޮންމެ ވަގުތެއްގައި ވެސް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާ މިފަހަރުގެ އެހީގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވެސް އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ.

ސިފައިންގެ ސެނެހިޔާ ހޮސްޕިޓަލް ގާއިމްކުރީ ވެސް އިންޑިއާގެ ވަރަށް ބޮޑު އެހީތެރިކަމާ އެކުގައެވެ.