23 May 2013, 10:33
ލަންޑަން (މޭ 23) ލަންޑަންގެ އިރުދެކުނުގެ ވުލްވިޗް ސަރަޙައްދުގައި ކަތިވަޅިއަކުން ޙަމަލާދީ އެކަކު މަރާލައި އިތުރު ދެމީހަކު ޒަޚަމްކޮށްލައިފި އެވެ.
މި ޙަމަލާދިން މީހާ މިކަންކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ސިފައިންގެ އަނިޔާވެރި ޢަމަލުތަކުގައި މަރާލެވެމުންދާ މުސްލިމުންގެ ލެއަށް ބަދަލުހިފުމުގެ ގޮތުން ކަމަށާ އިނގިރޭސި ސިފައިން މުސްލިމުން މަރަމުންގެންދާހާ ހިނދަނކު އިނގިރޭސި ރައްޔިތުންނަށް އަމާންކަން ނޯންކާނެ ކަމަށް އެ މީހާ ބުނެފައިވާ ކަމަށް އިނގިރޭސިވިލާތުގެ އައިޓީވީ ޚަބަރުދެ އެވެ.
އިނގިރޭސި ސިފައިން މިފަހަކަސް އައިސް މުސްލިމުންނާ ދެކޮޅަށް މީހުން މެރުމާއި އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި ޢަމަލުތައް ހިންގާފައި ވަނީ ޢިރާޤާއި އަފްޣާނިސްތާނުގަ އެވެ. ޢިރާޤާ ދެކޮޅަށް އެމެރިކާ އާއި އިނގިރޭސިވިލާތް އިސްކޮށް ތިބެގެން ކުރި ޣައިރު ޤާނޫނީ ހަނގުރާމައިގާ ޢިރާޤު ރައްޔިތުންގެ ތިންލައްކައެއްހާ މީހުން މަރާލާފައިވާ ކަމަށް ކަމާ ބެހޭ ރިޕޯޓްތައް ބުނެ އެވެ. އިނގިރޭސީންނާއި އެމެރިކާ ސިފައިން މިހާރު ވަނީ އިރާޤުން ފައިބާފަ އެވެ. ނަމަވެސް މިދެގައުމުގެ ސިފައިން މިހާރު ވެސް އަފްޣާނިސްތާނުގައި ހަނގުރާމަކުރަމުން ގެންދެ އެވެ. އިނގިރޭސި ސިފައިން އަފްޣާނިސްތާނުގައި އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ހިންގަމުން ގެންދާކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފާރަތްތަކުން ތުހުމަތު ކުރެ އެވެ.
ލަންޑަންގެ އިރުދެކުނުގެ ވުލްވިޗް ސަރަޙައްދުގައި ކަތިވަޅިއަކުން ޙަމަލާދީ އިއްޔެ މަރާލާފައި ވަނީ އިނގިރޭސި ސަފައިންގެ މީހެއް ކަމަށާ ކަތިވަޅިން ޖެހުމުގެ ސަބަބުން އެމީހާގެ ބޯ ހަށިގަނޑާ ވަކިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް އިނގިރޭސި ފުލުހުން މިކަން ކަށަވަރުކޮށެއް ނުދެ އެވެ. އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ވަނީ މިއަމަލުގެ ސަބަބުން ސިހުން ލިބުނުކަމަށް ވިދާޅުވެ މިއީ ޓެރަރިސްޓް ޙަމަލާއެއް ކަމަށް ސިފަކުރައްވާފަ އެވެ. މިމައްސަލާގައި މަޝްވަރާ ކުރުމަށްޓަކައި އިނގިރޭސި ސަރުކާރުގެ ކުއްލި ޙާލަތާބެހޭ ކޮމިޓީ "ކޯބްރާ"ގެ ބައްދަލުވުމަކަށް ވެސް ކެމެރޮން ވަނީ ގޮވާލައްވާފަ އެވެ. (ނޫސްއެޖެންސީތައް)