ކުލަބް ވެލެންސިޔާގެ ކޯޗަކަށް ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ހަމަޖައްސައިފި އެވެ.

ވެލެންސިޔާގެ އިސް އޮފިޝަލަކު ވިދާޅުވީ މޯހަން އެކުލަބުގެ ކޯޗަކަށް ހަމަޖެއްސީ ރޭގެ ވަގުތެއްގައި ކަމަށާއި އެގޮތުން ވެލެންސިޔާއިން މިރޭ އޮންނަ ފަރިތަކުރުން ތަކުގައި މޯހަން ބައިވެރިވާނެ ކަމަށެވެ.

"ވެލެންސިޔާގެ ކޯޗަކަށް މޯހަން ހަމަޖެއްސީ ރޭގެ ވަގުތެއްގައި. ސީޒަންގެ ބާކީ އޮތް ބައިގައި ދެން ވެލެންސިޔާގެ ކޯޗަކަށް ހުންނާނީ މޯހަން. އޭނާ އަކީ މިވަގުތައް ވެލެންސިޔާއަށް ވަރަށް މުހިންމު ކޯޗެއް" އޮފިޝަލް ވިދާޅުވިއެވެ.

ވެލެންސިޔާގެ ކޯޗަކަށް މޯހަން ހަމަޖައްސާފައި މިވަނީ އެޓީމުގެ ކުރީގެ ކޯޗް ބަލްގޭރިއާގެ ބޮއިކޯ ކަމެނޯފް މިހަތްތާގެ ތެރޭގައި މަގާމުން ދުރުކުރުމަށް ފަހު އެވެ. އަދި ބޮއިކޯފް ކޯޗް ކަމުން ވަކިކުރީ ވެލެންސިޔާގައި ފައިސާގެ ދަތިތަކެއް އުޅޭތީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ފާއިތުވި ތިންއަހަރު ދުވަހު ނިއުގެ ހެޑްކޯޗަކަށް ހުރި މޯހަން ވަނީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗް ކަން ވެސް ކޮށްފައެވެ.

ދިރާގު ދިވެލި ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމުނުއިރު ވެލެންސިއާ އޮތީ 12 ޕޮއިންޓާ އެކު ތާވަލްގެ ތިން ވަނައިގަ އެވެ.