ޢަންމާން (މޭ 23): ސޫރިޔާގެ މުސްތަޤްބަލު ކަނޑައެޅުމުގައި ރައީސް ބައްޝާރުލްއަސަދަށް އެއްވެސް ދައުރެއްނެތް ކަމަށް އުރުދުންގައި ރޭ ނިމުނު ސޫރިޔާގެ ރަހްމަތްތެރި ގައުމުތަކުގެ ބައްދަލުވުމުން ނިންމައިފި އެވެ.

ސޫރިޔާގެ ރަހްމަތްތެރި ގައުމުތަކުގެ ގޮތުގައި ޙަރަކާތްތެރިވާ 11 ގައުމު ބައިވެރިވި މިބައްދަލުވުމުން ނެރުނު ގުޅިފައިވާ ބަޔާން ބުނެފައި ވަނީ ސޫރިޔާގެ ލޭއޮހޮރުވުންތައް ހުއްޓުވެން އޮތީ އެގައުމުގެ ދާޚިލީ މައްސަލައަށް ސިޔާސީ ހައްލެއް ގެނަސްގެން ކަމަށް ދެކޭކަމުގަ އެވެ. ނަމަވެސް ސޫރިޔާގެ މުސްތަޤްބަލު ކަނޑައެޅުމުގައި ރައީސް ބައްޝާރުލްއަސަދަށާއި އޭނާގެ ސަރުކާރަށް އެއްވެސް ދައުރެއް ދިނުމަށް ދެކޮޅު ހަދާކަން މިބަޔާނުގައި ހާމަކޮށްފައިވެ އެވެ. އަދި ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ދެމެހެއްޓުމަށް އީރާނާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން ދޭ އެހީތައް ނިމުމަކަށް ގެނައުމަށް ވެސް މިބަޔާން ގޮވާލާފައިވެ އެވެ.

މިބަޔާނުގައި ސޫރިޔާގެ މައްސަލަ ސުލްޙަވެރިކަމާ އެކު ޙައްލުކުރުމަށް ޓަކައި އިންތިޤާލީ މަރްޙަލާއެއް ކަނަޑައަޅައި އިންތިޤާލީ ސަރުކާރެއް އެކުލަވާލުމަށް ގޮވާލާފައިވެ އެވެ. އަދި ސޫރިޔާގެ ސިފައިންނާއި ތަންފީޒީ ބާރުތަކާއި ޖާސޫސީ ނިޒާމާއި ފުލުހުންގެ މުއައްސަސާ ވެސް ދާންޖެހޭނީ އެގައުމުގައި އެކުލަވާލުމަށް ހުށަހަޅާފައިވާ އިންތިޤާލީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށްކަމަށް މިބަޔާން ބުނެ އެވެ. އަދި އިންތިޤާލީ މަރްޙަލާ ނިމޭއިރު ސޫރިޔާގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ޙައްޤުތަކެއް ލިބިދޭ އަދި ޑިމޮކްރަސީގެ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ އައު ދަސްތޫރެއް އެކުލަވާލުމުގެ ކަންތައް ނިންމަންޖެހޭނެ ކަމަށް ވެސް މިބަޔާން ބުނެ އެވެ.

މިބައްދަލުވުމުން މިގޮތަށް ނިންމި ނަމަވެސް ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމުގައި އިދިކޮޅު ފަރާތްތައް ނާކާމިޔާބުވެފައިވާތީ އާއި ސޫރިޔާގެ ވެރިކަމުގެ ހުރިހާ ބާރުތަކެއް އަދި ވެސް އޮތީ ބައްޝާރުގެ އަތްޕުޅުގައި ކަމަށްވެފައި އޭނާގެ ސިފައިން ބަލިކަށި ކޮށްލެވިފައިނުވާތީ މިބައްދަލުވުމުން ނިންމި ކަންކަމަށް ޢަމަލީ ސިފަ އައުން ވަރަށް ދުރުކަމަށް މުރާސިލުން ބުނެ އެވެ.

ސޫރިޔާގެ ރަހްމަތްތެރި ގައުމުތަކުގެ ނަމުގައި ޙަރަކާތްތެރިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ 11 ގައުމަކީ އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، އިޓަލީ، ތުރުކީ، ޖަރުމަނު، ސައޫދީ އަރަބިޔާ، ޤަތަރު މިސްރު، ޔޫއޭއީ، އަދު އުރުދުން އެވެ. އަންމާންގައި ރޭ ނިމުނު މިގައުމުތަކުގެ ބައްދަލުވުމުގައި އަހްލީ ހަނގުރާމައިގެ ސަބަބުން ޙާލުގައިޖެހިފައިވާ ސޫރިޔާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދުމާބެހޭ ގޮތުން މަޝްވާރާކޮށްފައިވެ އެވެ.

ސޫރިޔާގައި ހިނގަމުންދާ އަލްހީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ ރައްޔިތުންގެ ތެރެއިން އެތަށް މިލިޔަން ބަޔަކު އެގައުމުގެ އެތެރޭގައާއި އަވަށްޓެރި ގައުމުތަކުގައި ރެފިއުޖީންގެ ގޮތުގައި ވަރަށް ނިކަމެތި ޙާލުގައި ދިރިއުޅެމުންދާއިރު އެމީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސްފަރުވާ އާއި ހިޔާވަހިކަމާއި ތަޢްލީމު ފަދަ އަސާސީ ޚިދްމަތްތައް އެކަށީގެންވާ މިންވަރާގާތަށް ވެސް ލިބެމުންނުދާކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ރެފިއުޖީންގެ މެދުގައި ބަލިމަޑުކަން ވެސް ދަނީ ފެތުރެމުން ކަމަށް ޚަބަރުލިބެ އެވެ. (އަލްޖަޒީރާ)