މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ހާދިސާ ރާވައި ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްރިވި މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ސިފައިންގެ މީހާއާ މެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި އިރު ވެސް އަދި މިހާރު ވެސް ކޯޕްރަލް އަޒުލިފް ރައޫފް ހުރީ ޕޭލީވްގައި ކަމަށެވެ.

"ޑރ. އަފްރާޝީމް އަވަހާރަކޮށްލި ހާދިސާ ހިނގި އިރު އޭނާ ހުރީ ޕޭލީވްގައި. އޭގެ ފަހުން ޕޭލީވް ކަނޑާފައި ނުވޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ކޯޕްރަލް އަޒުލިފް ރައޫފްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ބެލުމަށް ފަހު އޭނާއާ މެދު އެމްއެންޑީއެފް އިން ފިޔަވަޅު އަޅާނެ ކަމަށެވެ.

"މިހާތަނަށް އޭނާއާ މެދު ފިޔަވަޅު އަޅާފައި ނުވާނެ. އެކަން ބަލާފައި އެމްއެންޑީއެފް އިން ފިޔަވަޅު އަޅާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކަތިވަޅިއަކުން ޖަހައި އަފްރާޝީމް އަވަހާރަކޮށްލި ކަމަށް އިއުތިރާފުވުމަށް ފަހު ހުމާމް ބުނެފައި ވަނީ ކޯޕްރަލް އަޒުލިފް ރައޫފް އަކީ ކުޑަހެންވޭރު ގްރޫޕްގައި އިސްކޮށް ހަރަކާތްތެރިވާ މީހެއް ކަމަށެވެ. އަދި އޭނާ އަކީ މާލޭގައި މީހުންގެ ގަޔަށް ވަޅިހަރައި މާރާމާރީ ހިންގުމުގެ ކަންތައް ރާވައި ހިންގާ މީހެއް ކަމަށް ވެސް ހުމާމް ވަނީ ބުނެފަ އެވެ.

ހުމާމް ބުނެފައި ވަނީ ކޯޕްރަލް އަޒުލިފް ރައޫފް އަކީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެއް ކަމަށެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމަށް އޭނާގާތު ފުރަތަމަ ބުނީ ކޯޕްރަލް އަޒުލިފް ރައޫފް ކަމަށާއި އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ދަނބި ދަރިފުޅު އަބްދުﷲ ޖާވިދު (ޖާ) އާއި އޭނާގެ ބޭބެ ޖަނާއާ އެކު ޖަލަޕީނޯގައި ކޮފީއެއްގައި ތިބެ އަފްރާޝީމް މަރާލުމުގެ ކަންތައް ކުރިއަށް ގެންދާނެ ގޮތާ މެދު މަޝްވަރާކޮށްފައިވާ ކަމަށް ވެސް ހުމާމް ވަނީ ބުނެފަ އެވެ.

ހުމާމް ބުނީ ޑރ. އަފްރާޝީމް ޓީވީ މޯލްޑިވްސް އިން ނުކުމެވަޑައިގެން ކާރުކޮޅުގައި ގެއަށް ވަޑައިގަތް ގޮތުގެ މައުލޫމާތު ވަގުތުން ވަގުތަށް ކޯޕްރަލް އަޒުލިފް ރައޫފް ހ. ހިކޯސްޓް އަލީ ޝާނަށް ފޯނުން ގުޅައި ކިޔައިދީފައިވާ ކަމަށެވެ.