23 May 2013, 09:40
ތިރީސް ތިން ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަންގެ ފައިނަލަށް ކުލަބް އީގަލްސް ދަތުރު ކޮށްފި އެވެ.
އީގަލްސް ފައިނަލަށް ދަތުރުކުރީ ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޑީ ބާސްކެޓްބޯލް ކުލަބާ ވާދަކޮށް 77 ޕޮއިންޓު 71 ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.
ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އީގަލްސް އަށް އެންމެ ގިނަ ޕޮއިންޓު ހޯދަދިން ހުސެއިން އަމީނެވެ. އޭނާ ވަނީ މެޗުގައި އީގަލްސްއަށް 21 ޕޮއިންޓު ހޯދައިދީފަ އެވެ. އަދި ރޭގެ މެޗުގައި ޑީ ބާސްކެޓްބޯލް ކުލަބަށް އެންމެ ގިނަ ޕޮއިންޓު ހޯދަދިނީ ޝިރުފާން ރުޝްދީއެވެ. އޭނާ ވަނީ މެޗުގައި ޑީ ބާސްކެޓްބޯލް ކުލަބަށް 19 ޕޮއިންޓު ކާމިޔާބު ކޮށްދީފައެވެ.
މުބާރާތުގެ ފައިނަލުގައި އީގަލްސްއާ ދެކޮޅަށް ނިކުންނަ ޓީމެއް ކަށަވަރު ވާނީ ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި މިރޭ 9:00ގައި ޕޮލިސް ކުލަބާ ދެކޮޅަށް ދަ ބައުސް ކުޅޭ މެޗުން މޮޅުވާ ޓީމެކެވެ.
މުބާރަތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 9:00ގަ އެވެ.