ގދ. ފަރެސްމާތޮޑާއިން ޑިންގީއެއްގައި ދިޔަ ފަހުން ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ މީހާ ދެ ހަފްތާ ފަހުން ސަލާމަތުން ހުއްޓާ ފެނިއްޖެ އެވެ.

"ސަން"އާ ވާހަކަދައްކަވަމުން އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ ގދ. ފަރެސްމާތޮޑާ، ރޯޒީސައިޑް އުމުރުން 30 އަހަރުގެ މުހައްމަދު ފަލާހު ފެނިގެން އޭނާ ކަނޑުމަތިން ނަގާފައި ވަނީ މެލޭޝިއާއަށް ދަތުރުކުރި ޖަރުމަނު ބޯޓަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ ފަލާހު ފެނިފައި ވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައި ރާއްޖެއާއި 900 މޭލު ދުރުން ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ައޭނާ ފަލާހު ނެގި ބޯޓު ދެ ދުވަހެއްގެ ތެރޭގައި މެލޭޝިއާ އަށް ދާނެކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެނަށް ދެންމެ މައުލޫމާތު ލިބިފައިވާ ގޮތުން އެއީ ޖަރުމަނުގައި ރަޖިސްޓުރީކޮށްފައިވާ ބޯޓެއް. އެ ބޯޓް މިހާރު ދަތުރުކުރަމުން ދަނީ މެލޭޝިއާއަށް" އަބުދުއްރަހީމް ވިދާޅުވިއެވެ.

ފަލާހުގެ އާއިލާއާ ހަވާލާދީ އެމްއެންޑީއެފް އިން ބުނީ ފޯނުން ގުޅައި ފަލާހު އޭނާގެ އާއިލާއާ ވާހަކަދައްކާފައިވާ ކަމަށެވެ.

ފަލާހް ގެއްލިފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހުގެ ހަވީރު ކުޑަ ޑިންގީއެއްގައި ފަރެސްމާތޮޑާ ކައިރީގައި އޮންނަ "ފާތިހުއްޓާ" ކިޔާ ފަޅުރަށެއްގެ ކައިރިންނެވެ. އަދި އޭނާ ގެއްލުނީ އައުޓް ބޯޑް އިންޖީނެއް އަޅާފައިވާ 14 ފޫޓްގެ ގުރާފެހި ކުލައިގެ ދަވާދު ލާފައިވާ ޑިންގީއެއްގައި އުޅެނިކޮށެވެ.

އޭނާ ހޯދުމަށް ކޯސްޓުގާޑުންނާއި އިންޑިއާގެ ނޭވީ މަތިންދާބޯޓަކުން ވެސް ވަނީ ވަނީ މަސައްކަތް ކޮށްފަ އެވެ.

ފަލާހު ދިރި ހުއްޓާ ފެނިފައިވާއިރު މި މަހުގެ ހަތަރު ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ގއ. ކޮލަމާފުށިން ރާޅާއަޅަން ނުކުމެގެން އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ކޮލަމާފުށީ ކުނާވިޔާގޭ، މުހައްމަދު ސައްމޫން ޝަރީފު 21، އަދިވެސް ފެނިފައެއް ނުވެއެވެ.

އަދި ހަމަ މި މަހުގެ ހަތަރު ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މ. މުލަކުން ފުރައިގެން ދެ މީހުންނާ އެކު ދަތުކުރި "އަޒުމް" ނަމަކަށްކިޔާ މަސް ދޯންނި ހޯދުމަށް ސިފައިން ކުރި މަސައްކަތުން އަދިވެސް އެ ދޯނިން ދަތުރުކުރި ދެ މީހުން ފެނިފައެއް ނުވެއެވެ.