ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ އެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުން ނެރޭ މެނިފެސްޓޯއަކީ ރާއްޖެ ވެއްޓިފަ އޮތް "ވަޅުގަނޑުން" އަރައިގަތުމަށްޓަކައި ހައްލު ހޯދާނެ ގޮތްތައް ބަޔާންކޮށްފައިވާ މެނިފެސްޓޯއަކަށް ވެގެންދާނެ ކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިރޭ ވިދާޅުވެއްޖެ އެވެ.

ޑީއާރްޕީގެ ހަރުގޭގައި ބޭއްވި "ހަފްތާ ބައްދަލުމަށް ފަހު" ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ތަސްމީން ވިދާޅުވީ ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީތަކުން ރައްޔިތުންނަށް ހުށަހަޅާ މެނިފެސްޓޯއަކީ މިހާރު ދިމާވެފައިވާ ގޮންޖެހުންތަކުން ހައްލު ހޯދާނެ މެނިފެސްޓޯއަކަށް ވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މެނިފެސްޓޯއަކީ މިހާރު ދިމާވެފައިވާ ގޮންޖެހުންތަކަށް، ގައުމު މިހާރު ވެއްޓިފަ އޮތް ފުން ވަޅުގަނޑުން އަރައިގަތުމަށްޓަކައި އެންމެ ބޮޑު އިސް ކަމެއް ދޭނެ ކަންތައްތައް ދެނެގަނެ، އެކަންތައްތައް ހައްލު ކުރާނެ ގޮތްތައް، ބަޔާންކޮށްފައިވާ މެނިފެސްޓޯއަކަށް ވާނެ. މި މެނިފެސްޓޯ ފުރިހަމަ ކުރުމުގެ މަސައްކަތް މިހާރު މި ދަނީ ކުރެވެމުން. މި ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކުގެ ބޭފުޅުން ބައިވެރިވެގެން މިހާރު އެ މަސައްކަތް ކުރިއަށްދަނީ،" ތަސްމީން ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ގައުމު ވެއްޓިފައި އޮތް "ފުން ވަޅުގަނޑަކީ" ކޮބައިތޯ އާއި ގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ. ވިދާޅުވީ ކޯލިޝަނަށް ހެދިއިރު، ޕާޓީތަކުން ވެސް މެނިފެސްޓޯތައް ތައްޔާރުކޮށްފައި ހުރި ކަމަށާއި އެ މެނިފެސްޓޯތައް "އެއްކޮށްލައިގެން" މެނިފެސްޓޯ ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ތަފާތު ޕާޓީތަކުން ކޯލިޝަންގައި ބައިވެރިވިއިރު، އެކި ޕާޓީތަކުން މިހާތަނަށް ތައްޔާރުކޮށްފައި ހުރި މެނިފެސްޓޯ ވެސް އެބަހުރި. އެހެންވީމަ އެ ހުރިހާ އެއްޗެއް އެއްކޮށްލައިގެން އަޅުގަނޑުމެން ކޯލިޝަންގެ ގޮތުން އަންނަ އިންތިހާބުގައި ހާމަ ކުރާނެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް މިހާރު ފުރިހަމަވަމުން އެދަނީ، މާގިނަ ދުވަހެއް ނުވެ، އެ މަސައްކަތްތައް ނިމޭނެ ކަމަށް އަޅުގަނޑު ޔަގީން ކުރަން،" ތަސްމީން ވިދާޅުވި އެވެ.

ރައީސް ވަހީދުގެ ރަނިންމޭޓުކަން ހުށަހަޅާފައިވޭތޯ ސަންއިން ސުވާލު ކުރުމުން ތަސްމީން ތަވާބެއް ނުދެއްވި އެވެ. ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ކޯލިޝަނުން މީޑީއާ އަށް ފަހުން މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.

ރައީސް ވަހީދުގެ ކޯލިޝަންގައި ހިމެނޭ ޑީއާރްޕީ އާއި ގައުމީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ގައުމީ އިއްތިހާދު ޕާޓީން ހުކުރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބާއްވާ ޖަލްސާއަކީ ވަރަށް ހާއްސަ ޖަލްސާއަކަށް ވާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.