އައްޑޫ ސިޓީގެ ހިތަދޫގައި ދެ ސައިކަލެއް ޖެހި މިއަދު ހިނގި އެކްސިޑެންޓެއްގެ ދެ އަންހެނުންނަށާއި ފިރިހެނަކަށް އެކިވަރުގެ އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު އެ އެކްސިޑެންޓް ހިނގީ އިރުއޮއްސި 6 ޖަހާއެހާކަންހާއިރު ހިތަދޫ ބޮޑުމަގުން ދެ އަންހެނަކު ދުއްވާފައި ދިޔަ ސައިކަލެއް ގޮސް، ގޯޅި އަޅަން އުޅެނިކޮށް އެމަގަށް ހުރަސްކުރަން ދިޔަ ސައިކަލެއް ގޮސް އެ ސައިކަލުގެ މެދުގައި ޖެހިގެން ކަމަށެވެ. އަދި އެވަގުތު އަންހެން މީހުން ދުއްވި ސައިކަލުގެ ފަހަތުގައި އިން މީހާ ވިއްސައިގެން ގޮސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"އެކިވަރުގެ އަނިޔާތައްވި ކަމަށް ވަނީ، ނަމަވެސް ސީރިއަސް އަނިޔާއެއް ނެތް،" އޮފިޝަލް ވިދާޅުވި އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާ މިރޭ ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ އެކްސިޑެންޓްގައި ސައިކަލް ފަހަތުގައި އިން ހިތަދޫ ރާޔާ، ހަދީޖާ މޫސާ 37، ގެ ބޮލަށް ޒަހަމްތަކެއް ލިބިފައިވާތީ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޭނާ އިން ސައިކަލް ދުއްވި އޭނާގެ ދައްތަ އައިސަތު ފަރީދާ 39، ގެ އަތަށް ގެއްލުން ވެފައިވާއިރު އަނެއް ސައިކަލްގައި ދުއްވި އިބްރާހިމް ނަސްރު 20، ގެ ކަކުލަށް ވެސް އަނިޔާވެފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ.

އެ ދެމީހުންނަށް ފަރުވާ ދިނުމަށް ފަހު މިހާރު ޑިސްޗާޖްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

" އެކްސިޑެންޓްގައި ބޮލަށް ގެއްލުންވި އަންހެން މީހާ މާލެ ގެންދިއުމަށް ޑޮކްޓަރުން ރިކަމެންޑް ކުރައްވާފައިވަނީ، ސީޓީ ސްކޭން ފަދަ ޓެސްޓްތައް ހެދޭނީ މާލެ ފޮނުވައިގެން ކަމުގައިވާތީ ބޮލަށް ގެއްލުމެއް ލިބިފައިވާތީ އެގޮތަށް ނިންމާފައިވަނީ،" ހަދީޖާ ވިދާޅުވި އެވެ.

މިމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ގެންދަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ.