22 May 2013, 21:49
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައިކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ބަލަން ފަށާފައި ވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ސައްޚަކަމާ މެދު ސުވާލު އުފައްދައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުގައި ފަތުރަމުން ގެންދާ ޚަބަރުތައް އެ ކޮމިޝަނުން ދޮގުކޮށްފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ހައިކޯޓުގެ ފަނޑިޔާރުންނާ ގުޅޭ ގޮތުން އެ ކޮމިޝަނުން ބަލަމުންގެންދާ ހުރިހާ މައްސަލަ ތަކަކީ ވެސް އެ ކޯޓުގެ ފަނޑިޔަރުން ހުށަހަޅުއްވާފައިވާ މައްސަލަތަކެއް ކަމަށެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހު އެ ކޯޓުގެ އިސް ފަނޑިޔާރު ދެންތިބި ފަނޑިޔާރުންނާ ގުޅޭގޮތުން ޝަކުވާއެއް ހުށަހަޅުއްވާފައިވާއިރު ޖެހިގެން އައި ދުވަހު އިތުރު ދެ ޝަކުވާ އަކާއި އަދި އޭގެ ދެ ދުވަސް ފަހުން އިތުރު ތިން ޝަކުވާއެއް އެ ކޯޓުގެ ދެންތިބި ފަނޑިޔާރުންނާ ގުޅޭގޮތުން އިސް ފަނޑިޔާރު ހުށަހަޅުއްވާފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
މީގެއިތުރުން ހައިކޯޓުގެ އިސް ފަނޑިޔާރާ ގުޅޭގޮތުން މިދިޔަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހު އެ ކޯޓުގެ ދެންތިބި ފަނޑިޔާރުން ޝަކުވާ ހުށަހަޅުއްވާފައިވާ ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެ ހުރިހާ މައްސަލަތައް ތަހުގީގު ކުރުމަށް ނިންމައި، އެ ޝަކުވާތައް ބެލުމަށް ކޮމިޝަނުގެ މެމްބަރުން ހިމެނޭ ކޮމިޓީއެއް އެކުލަވާލައި މިހާތަނަށް އެ ކޮމެޓީން 24 ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
މައްސަލަ ހުށަހަޅާފައިވާ ބޭފުޅުންނާއި އަދި ރައްދުވާ ބޭފުޅުންގެ ބަޔާންތައް ނެގުމުގެ މަސައްކަތް އެ ކޮމެޓީން ކުރަމުން ގެންދާ ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފަ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އެކަންތައް އެގޮތަށް ހުރިއިރު ޖޭއެސްސީގެ މެންބަރަކާ ހަވާލާދީ ބައެއް މިޑިއާތަކުގައި ޝާއިއުކޮށްފައިވާ ޚަބަރުތަކާއި، މިހާރުވެސް މީޑިއާތަކުގައި ފެތުރެމުންދާ ޚަބަރުތަކަށް ބަލާއިރު އެއީ ރައީސް ނަޝީދު ހައިކޯޓަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ބަލަމުންގެންދާ މައްސަލަތަކެއް ކަމަށް ދޭހަވާ ކަމަށެވެ.
ފަނޑިޔާރަކާ ބެހޭގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމަކީ ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ގާނޫނުއަސާސީގެ 159 ވަނަ މާއްދާއިންނާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނު ގެ 22 ވަނަ މާއްދާ އިން ސާފުކޮށް އެނގެން އޮންނަ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.