22 May 2013, 21:05
އިންސާނީއްޔަތާއި ޚިލާފް ބޮޑެތި ޖަރާމާތަކާއި މިހާރު މާލޭގައި ހިނގަމުންދާ މާރާމާރީތަކާއި ދެކޮޅަށް ޕީޕީއެމް އިން ނިކުންނަން ނިންމައިފި އެވެ.
މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ސްޕޯކުސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވިދާޅުވީ މާދަމާ ރޭ ޕީޕީއެމް އިން ސުނާމީ ބިނާ ސަރަހައްދުގައި ބާއްވާ އެއްވުމުގެ މަގުސަދަކީ މިހާރު މާލޭގައި ހިންގަމުން ގެންދާ މާރާމާރީތަކާއި ލާއިންސާނީ ބޮޑެތި ޖަރީމާތަކާއި ދެކޮޅަށް އަޑުއުފުލުން ކަމަށެވެ.
"އަޅުގަނޑުމެން މާދަމާރޭ މި ބާއްވާ އެއްވުމުގެ މައިގަނޑު މަގުސަދަކީ މީގެ ކުރިން ހިނގާފައިވާ ބޮޑެތި ލާއިންސާނީ ޖަރީމާތަކާއި މިހާރު މާލޭގައި ހިނގަމުންދާ މާރާމާރީތަކާއި ދެކޮޅަށް އަޑުއުފުލައި އެކަން ހުއްޓުވުން. އަދި އެއް ވެސް ކުށެއްނެތި ތަފާތު އެކި އަނިޔާތައްވަމުންދާ މީހުންގެ އާއިލާތަކަށް ހިއްވަރުދީ އެކަމަށްޓަކައި އަޑުއުފުލުން،" މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ މާދަމާރޭގެ އެއްވުމުގައި ޝަރުއީ ނިޒާމާއި ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހުރި މައްސަލަތައް ހައްލު ކުރުމަށާއި ޑރ. އަފްރާޝީމް އަލީ މަރާލުމުގައި ޝާމިލްވާ އެހެން ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ގޮވާލައި އަޑު އުފުލާނެ ކަމަށެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ޑރ. އަފްރާޝީމް މަރާލި މައްސަލަށް ތަހުގީގުކޮށް އެކަމާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށްޓަކައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރަން ޖެހޭ ކަމަށެވެ.
މިއަދުގެ ނިވުސްކޮންފަރެންސްގައި ނިހާން ވަނީ ރައީސް ނަޝީދު ހައްޔަރު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އަށް ގޮވާލައްވާފަ އެވެ.
ޑރ. އަފްރާޝީމް މަރާލި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ރައީސް ނަޝީދު ހައްޔަރު ކުރަން ޖެހެނީ އެމަނިކުފާނު މީގެކުރިން ދައްކަވާފައިވާ ވާހަކަފުޅުތަކުގެ ސަބަބުން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ޑރ. އަފްރާޝީމް މަރާލި މީހުން ރާއްޖެއިން ބޭރަށް ފުރާފައިވާކަމަށް އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އެ ސަބަބަށްޓަކައި އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.