22 May 2013, 21:03
އަންނަ އަހަރު ކުރީކޮޅު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖްކަޕް ކުޅޭ ދަނޑުތަކުގެ އިތުރުން އެމުބާރާތުގައި ވާދަކުރުމަށް އަންނަ ގައުމު ތަކުގެ ޓީމްތައް (ޕްރެކްޓިސް) ފަރިތަކުރުމަށް ދޭން ޖެހޭ ދަނޑުތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ކުޅިވަރާ ބެހޭ މިނސްޓުރީން ފަށައިފި އެވެ.
ކުރިއަރަމުން އަންނަ ގައުމުތަކަށް އިސްކަން ދީގެން އޭއެފްސީ އިން ބާއްވާ އެ މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ގަލޮޅު ރަސްމީ ދަނޑާއި އައްޑޫ ޒޯން ސްޓޭޑިއަމްގަ އެވެ.
"ސަންއޮންލައިނަށް" ދެއްވި އިންޓަވިއުގައި ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ އޭއެފްސީ ޗެލެންޖްކަޕްގެ މެޗްތައް ކުޅެން ހަމަޖެހިފައިވާ ރަސްމީ ދެ ދަނޑުގެ އިތުރުން، އެމުބާރާތުގައި ވާދަކުރާން އަންނަ ގައުމު ތަކުގެ ޓީމްތައް ފަރިތަކުރުރަން ދޭން ޖެހޭ ދަނޑުތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން އެ ދަނޑުތަކަކީ މާލޭގެ ހެންވޭރު ދަނޑާއި އެފްއޭއެމްގެ ޓާފް ދެ ދަނޑު އަދި އައްޑޫ ސީޓިގެ މައިލޯ ދަނޑު ކަމަށް އޭނާ ވިދާޅުވި އެވެ.
"މުބާރާތައް އަންނަ ޓީމްތައް ފަރިތަކުރަން ދޭންޖެހޭ ދަނޑުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ތާފާތު ގިނަ މަސައްކަތް ތަކެއް ކުރަންޖެހޭ. އެ ދަނޑުތައް ހެދުމުގެ މަސައްކަތް މިހާރު ވާނީ ފަށައިފައި. މުބާރާތް ފެށުމުގެ ކުރިން އެ ދަނޑުތަކުގެ މަސައްކަތް ނިންމާލެވޭނެ. މިހާރު ވެސް ޓާފް ދަނޑުގެ 90 ފަސެންޓު މަސައްކަތް ވަނީ ނިމިފައި. ޕްރެކްޓިސް ކުރާ ދަނޑުތަކުގެ ލައިޓްތައް ވެސް ރަނގަޅު ކުރާނެ." މިނިސްޓަރު ވިދާޅުވި އެވެ.
އޭއެފްސީ ޗެލެންޖު ކަޕަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މުބާރާތަކަށް ވާތީ ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން މަސައްކަތް ކުރަމުން ގެންދަނީ އޭއެފްސީގެ ރެކޮމެންޑޭޝަންތަކަށް މެޗް ކުޅޭ ދެ ސްޓޭޑިއަމްގެ އިތުރުން ޓީމްތައް ޕްރެކްޓިސް ކުރާ ދަނޑުތައް ފެއްތުމަށެވެ.
އަންނަ އަހަރު ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕުގައި ވާދަކުރަނީ އަށް ގައުމެކެވެ. އެ އަށް ގައުމަކީ ޕިލިޕީންސް، ތުރްކުމެނިސްތާން، ބަގްލްދޭޝް، ކިރްގިސްތާން، އަފްގާނިސްތާން ޕަލަސްތީން، މިޔަންމާ އަދި މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ރާއްޖެ އަށް ވަނީ މުބާރާތުން އޮޓޮމެޓިކް ޖާގައެއް ލިބިފަ އެވެ.
އޭއެފްސީ އިން ބާއްވާ މުބާރާތް އެންމެ ފުރަތަމަ 2006 ގައި ބޭއްވީ ބަންގްލަދޭޝްގަ އެވެ. އޭގެ ފަހުން 2008 ގައި އިންޑިއާގައި 2010 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި އިރު 2012 ވަނަ އަހަރު ބޭއްވީ ނޭޕާލުގަ އެވެ.