22 May 2013, 20:55
ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި މިއަދު ފެށި ފުރަތަމަ ފީބާ އޭޝިއާ ތްރީ އޮން ތްރީ ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖެއިން ދިޔަ 18 އަހަރުން ދަށުގެ ގައުމީ އަންހެން ބާސްކެޓް ޓީމް މުބާރާތުން ޑިސްކޮލިފައިކޮށްފި އެވެ.
ބެންކޮކްގައި ޓީމާ އެކު މިވަގުތު ހުންނެވި ބާސްކެޓް އެސޯސިއޭޝަނުގެ ރައީސް އަހުމަދު ހާފިޒް މިރޭ ސަން އޮންލައިނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އަންހެން ބާސްކެޓް ޓީމް މުބާރާތުން ޑިސްކޮލިފައިކުރީ ޓީމުގައި ތިބި ހަތަރު ކުޅުންތެރިންގެ ތެރެއިން ދެ ކުދިން ބުރުގާ އަޅާފައިވާތީވެ، ބުރުގާ ބާލައިގެން ކުޅެން ޓީމުން ދެކޮޅު ހެދުމުން ކަމަށެވެ.
"މީގެ ކުރިން ވެސް އަންހެން ކުދިން ވަނީ ފީބާގެ ދެ ތިން މުބާރާތެއް ކުޅެފަ. އެހެންވެ މިމުބާރާތުގައި ވާދަކުރުމަށް ވެސް ބެންކޮކް އަށް މިއައީ. އަންހެން ޓީމް މިއަދު ކުޅެން ހަމަޖެހިފައި އޮތީ ޗައިނާ އާއި އެކު. ބުރުގާ ބާލައިގެން ކުޅެން ޖެހޭތީވެ އަންހެން ޓީމް މިއަދު ނުކުޅުނީ. އެހެންވެ މިމުބާރާތުގެ ގަވާއިދު ބުނާ ގޮތުން އަންހެން ޓީމް މިހާރު ވަނީ މުބާރާތުން ޑިސްކޮލިފައިކޮށްފަ" ހާފިޒް ވިދާޅުވިއެވެ.
މުބާރާތުގައި ވާދަކުރުމަށް ބެންކޮކަށް ދިޔަ އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިން ނަކީ ހައްވާ މުޝީރާ އާއި އައިޝަތު ޝަފާ އާއި އާމިނަތު ރައުޝާ އަދި ރައީފާ އިބްރާހިމް އެވެ.
މިމުބާރާތުގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ޓީމުގައި ވެސް ޖުމްލަ ހަތަރު ކުޅުންތެރިން ތިބެ އެވެ. އެގޮތުން އެކުޅުން ތެރިންނަކީ ރަމާހު އިބްރާހިމް އީސާ އާއި އަހުމަދު ސައިފް ނައީމާއި މުހައްމަދު ލަޔާން އަދި އިސްމާއިލް ޒައިދު އެވެ. އަދި މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމް މިއަދު ކުޅުނު ފުރަތަމަ މެޗުން ވަނީ ތައިލެންޑު އަތުން ބަލިވެފަ އެވެ. ތައިލެންޑުގެ ޓީމާ ވާދަކޮށް މިއަދު ރާއްޖެ ބަލިވީ 19 ޕޮއިންޓު ހަތް ޕޮއިންޓުންނެވެ.
މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމު ހިމެނެނީ ގްރޫޕް އޭ ފަޅީގަ އެވެ. މި ގްރޫޕްގައި ދެން ހިމެނޭ ގައުމު ތަކަކީ ތައިލެންޑް އާއި ޗައިނާ އަދި އިންޑިޔާ އެވެ.