27 Oct 2010, 04:26
ދައުލަތުގެ އާމްދަނީއަށް ލިބޭ އެއްޗަކާ އެއްވަރަށް ޚަރަދުތައް ހަމަޖެއްސުމާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައިފި އެވެ.
އިއްޔެ ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓްގައި އެކި މަޝްރޫޢުތަކަށް ފައިސާ ކަނޑައެޅުމުގައި ދައުލަތަށް ލިބޭ އާމްދަނީއަށް އިސްކަން ދެއްވުމުގެ މުހިންމު ކަމުގެ މައްޗަށް މެންބަރުން ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ. އަދި އެކަމަށް ސަމާލުކަން ދެއްވައިގެން އޮފީސްތަކުން ބަޖެޓް އެކުލަވައިލައި ފިނޭންސް މިނިސްޓްރީ އަށް ފޮނުއްވުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް މެންބަރުން ވާހަކަ ދެއްކެވި އެވެ.