ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާސީމް އަލީ އަށް ކަތިވަޅިން ހަމަލާދީ އަވަހާރަކޮށްލި ކަމަށް ހ. ލޮބީ ހުސައިން ހުމާމް އަހްމަދު ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައި ވިނަމަވެސް، އެ މައްސަލާގައި ފުލުހުން ހޯދައިފައިވާ ހެކިތައް ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި ޝަރީއަތަށް ހުށަހެޅުމުގެ ފުރުސަތެއް ހޯދައި ދެއްވުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އަރިހުގައި ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު އެދިވަޑައިގެންފި އެވެ.

"ސަން"އާ ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ ވިދާޅުވީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ހުމާމު މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އިޢުތިރާފް ވުމާ އެކު، އެކަމުގައި ފުލުހުން ހޯދައިފައިވާ ހެކިތައް ޝަރީއަތުގައި ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި ހުށަހަޅައިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު ހޯދައިދެއްވުމަށް ޕީޖީގެ އަރިހުމުގައި މިއަދު އެދިވަޑައިގެންފައިވާނެ ކަމަށެވެ. އަދި އެގޮތަށް އެދިވަޑައިގަތީ އެ މައްސަލައަކީ މިހާތަނަށް ފުލުހުން ހިންގި އެންމެ ބޮޑު ތަހުގީގު ކަމުގައިވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕީޖީން މިއަދު ހުށަހެޅުއްވި ހެކިތައް އެގްޒަމައިން ކުރެވެން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ ކޯޓުގައި، އޭގެ ސަބަބުން މިހާރު ނުލިބި ހުރި ވަރަށް ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެ، އަދި ރައްޔިތުންނަށް ކަން ހިނގައިދިޔަ ގޮތް ތަފްސީލްކޮށް އެނގިގެންދާނެ، އަދި ނުލިބި ހުރި ބައިވެރި ސުވާލުތަކެއްގެ ޖަވާބު ވެސް ލިބިގެންދާނެ،" ރިޔާޒު ވިދާޅުވި އެވެ.

އަފްރާޝީމްގެ މަރުގެ މައްސަލާގައި ދައުލަތުން އުފުލާފައިވާ ގަސްދުގައި މީހަކު މަރާލި ކަމުގެ ދައުވާއަށް އިއުތިރާފުވެ، އަފްރާޝީމް މަރާލުމުގެ ޖަރީމާ ހިންގާ ރޭވުމުގައި ބައިވެރިވި ބައެއް ފަރާތްތަކުގެ ނަންތަކާއި އެކަންތައްތައް ކުރި ގޮތް ވެސް ހުމާމު މިއަދު ވަނީ ކޯޓުގައި ކިޔައިދީފަ އެވެ.

ހުމާމް ބުނެފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލައިފިއްޔާ ހަތަރު މިލިޔަން ރުފިޔާ ލިބޭނެ ކަމަށް އެ މައްސަލާގެ ތުހުމަތުގައި ހައްޔަރުކުރުމަށް ފަހު ކޯޓު އަމުރަކަށް ދޫކޮށްލި ސިފައިންގެ މީހާ އަޒުލިފް ރައޫފް އާއި "ސްޕައި" ނަމަކަށް ކިޔާ މީހަކު އޭނާގެ ކައިރީގައި ބުނި ކަމަށެވެ. އަދި ބުނީ އަފްރާޝީމް މަރާލާނެ ގޮތާ ގުޅޭގޮތުން އެމްޑީޕީގެ ޗެއާޕާޝަން ރީކޯ މޫސާ މަނިކުގެ ދަނބިދަރިފުޅު އަބްދުﷲ ޖާވިދު (ޖާ) އާއި ޖާގެ ބޭބެ ޖަނާ އާއި އަޒްލިފްގެ އިތުރުން އޭނާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ.

ކޮމިޝަނާ ވިދާޅުވީ އެމައްސަލާގައި މިހާރު ދައުވާކޮށްފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކެއްގެ ވާހަކަ މިއަދުގެ ޝާރީއަތުގައި ހުމާމު ބުނެފައި ވާތީ އެކަންކަން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެމީހުންގެ މައްޗަށް ދައުވާ ކުރެވޭ ވަރުގެ ހެކި ހުރިތޯ ބެލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އެކަމުގައި ފިޔަވަޅެއް ފުލުހުން އަޅާނީ ޕީޖީގެ މަޝްވަރާއަށް ފަހު ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

ޑރ. އަފްރާޝީމް އަަވަހާރަކޮށްލުމުގައި ހުމާމު އާ އެކު ބައިވެރިވެފައި ވަނީ ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) އާއި "ނަންގި" (އެ މައްސަލަގައި ހިމެނޭ 18 އަހަރުން ދަށުގެ ކުޑަކުއްޖާ) ކަމަށް ހުމާމް ވަނީ ޝަރީއަތުގައި ބުނެފަ އެވެ. ނަމަވެސް ޝާން ވަނީ ދައުލަތުގެ ފަރާތުން އޭނާގެ މައްޗަށް ކޮށްފައިވާ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއަށް އިންކާރުކޮށްފަ އެވެ.