22 May 2013, 18:19
ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އާއި ފެކަލްޓީ އަފް އާޓްސް ހިންގަމުންދާ ބާ ޖަމށާލުއްދީން އިމާރާތާއި މެދު އަންނަ މަހު ގޮތެއް ނިންމާނެ ކަމަށް ގައުމީ ޔުނިވާސިޓީން ބުނެފި އެވެ.
ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. ހަސަން ހަމީދު މިއަދު ވިދާޅުވީ ބާ ޖަމާލުއްދީންގެ ހާލަތު ބެލުމަށްޓަކައި އަމިއްލަ ކުންފުންޏަކާއި ހަވާލު ކޮށްގެން ބާ ޖަމާލުއްދީންގެ ޓެކެނިކަލް އެސެސްމެންޓެއް ހަދަމުންދާ ކަމަށެވެ. އަދި އެ އެސެސްމެންޓްގެ މަސައްކަތް ނިމުމުން އެ އިމާރާތާމެދު ޔުނިވާސިޓީން ކަންތައް ކުރާނެ ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ގައުމީ ޔުނިވާސިޓީން އެތަނުގެ އެސެސްމެންޓެއް ހަދަން ޖެހުނީ ހައުސިން މިނިސްޓްރީން ހަދާފައިވާ އެސެސްމެންޓުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ.
"ބާ ޖަމާލުއްދީން ނުވަތަ އަޅުގަނޑުމެން ކިޔާ ގޮތުން ނަމަ ޔުނިވާސިޓީގެ ޖީ ބްލޮކްގެ ޓެކެނިކަލް އެސެސްމެންޓެއް ހެދުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާއި ހަވާލު ކޮށްގެން އެބަ ކުރިއަށް ގެންދަން. އެ އެސެސްމެންޓް އަންނަ މަހު ނިމޭނެ. އޭގެ ފަހުން އަޅުގަނޑުމެން އެތަނާއި ކަންތައް ކުރާނެ ގޮތެއް ނިންމާނީ" ޑރ. ހަސަން ހަމީދު ވިދާޅުވި އެވެ.
މިހާރު ހަދަމުންދާ އެސެސްމެންޓް ނިމުމުން އެ އެސެސްމެންޓަށް ބެލުމަށް ފަހު އެތަނުގައި އާ އިމާރާތެއް ހަދާނީތޯ ނުވަތަ ނޫންތޯ ޔުނިވާސިޓީގެ ކައުންސިލުން ނިންމާނެ ކަމަށް ވެސް ހަސަން ހަމީދު ވިދާލުވި އެވެ. އަދި ވިދާޅުވީ ޖަމާލުއްދީންގެ ބާ އިމާރާތަކީ 2000 ވަނަ އަހަރު ރައީސުލްޖުމްހޫރީއްޔާގެ އޮފީހުން ޔުނިވާސިޓީއާ ހަވާލު ކޮށްފައިވާ އިމާރާތެއް ކަމަށާއި އެހެން ކަމުން އެސެސްމެންޓަށް ފަހު އިމާރާތް މަރާމާތު ކޮށްގެން ބޭނުން ކުރެވޭ ނަމަ އެކަން ޔުނިވާސިޓީން ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.
ޖަމާލުއްދީންގެ ބާ އިމާރާތް ހުސް ކުރުމަށް މީގެ ކުރިން ސަރުކާރުން ވަނީ ޔުނިވާސިޓީއަށް އަންގާފަ އެވެ. އޭރު ސަރުކާރުގެ ފަރާތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއީޒް ވިދާޅުވެފައި ވަނީ ޖަމާލުއްދީން ސްކޫލްގެ ބާ އަމާރާތަކީ މިހާރުން މިހާރަށް ހުސް ކުރަން ޖެހޭ އިމާރާތެއް ކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށާއި އަދި އެކަން ސަރުކާރުގެ ކަމާ ބެހޭ އެހެން މުއައްސަސާތަކަށް ވެސް އަންގާފައި ވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ އިމާރާތް ހަތް ދުވަސް ތެރޭގައި ޔުނިވާސިޓީން ހުސްނުކޮށް ތިބެގެން ދަރިވަރުންނަށާއި އަދި އިމާރާތް ބޭނުން ކުރާ ފަރާތްތަކަށް ވެދާނެ ގެއްލުމަކަށް ސަރުކާރުން ޒިންމާ ނުވާނެ ކަމަށެވެ.