22 May 2013, 17:02
ދިގު މުއްދަތުގެ ޓްރެޝަރީ ބޮންޑް ވިއްކުމަށް ޑިވެލޮޕްމަންޓް ބޭންކް އޮފް ސިންގަޕޯ (ޑީބީއެސް)އާ ގުޅިގެން އިންވެސްޓަރުން ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.
"ސަން"އާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރު މަސައްކަތް ކުރަނީ ޑީބީއެސްއާ ގުޅިގެން 4- 5 އަހަރުގެ މުއްދަތުގެ ބޮންޑު ގަންނާނެ ބަޔަކު ހޯދުމަށް ކަމަށެވެ.
"މިހާރު ބޮޑަށް މި ބަލަނީ ކުރު މުއްދަތުގެ ބޮންޑް ނުވަތަ ޓީ ބިލް ވިއްކުމަށް ވުރެ ދިގު މުއްދަތުން އަދާކުރާ ގޮތަށް ގަންނަ ބަޔަކު ހޯދަން. ޑީބީއެސް އިން މަސައްކަތް ކުރާނީ އިންވެސްޓަރުން ހޯދައިދޭ އެޖެންޓެއްގެ ގޮތުގައި. އެގޮތުން ޑީބީއެސްއިން އިންވެސްޓަރުންނާއެކު ރޯޑްޝޯވް ބާއްވައިގެން ބޮންޑް ގަންނާނެ ބަޔަކު ހޯދަން ނިންމާފައިވޭ،" ޖިހާދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޑީބީއެސްއަކީ އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ އެއް ބޭންކަށް ވުމުން ވަރަށް ގިނަ އިންވެސްޓަރުންނާ ގުޅުން އޮންނަ ކަމަށެވެ.
"އެހެންކަމުން އިންވެސްޓަރުން ހޯދުމަކީ އެ ބޭންކަށް މާ އުނދަގޫ ކަމަކަށް ނުވާނެ. އަޅުގަނޑު އުއްމީދުކުރަނީ އެ މަސައްކަތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެކަން ހަމަޖެހޭނެ ކަމަށް،" ޖިހާދު ވިދާޅުވި އެވެ. "އެ ބޭންކްގެ ޓީމެއް ދާދިފަހުން ރާއްޖެ އައިސް ވަނީ އަޅުގަނޑުމެންނާ މަޝްވަރާކޮށްފައި،"
މިނިސްޓަރު ވިދާޅުވީ ޑީބީއެސްގެ އިތުރުން ގަތަރު ސަރުކާރަށް ވެސް ބޮންޑު ވިއްކުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް ޑީބީއެސްއާއެކު ވިއްކުމަށް މަސައްކުރަނީ ކިހާ އަދަދެއްގެ ބޮންޑެއް ކަމެއް ޖިހާދު ވިދާޅެއްނުވެ އެވެ.
ޖިހާދު ވިދާޅުވީ މި އަހަރުގެ ބަޖެޓަށް 1.3 ބިލިއަން ރުފިޔާ ހޯދަން ޖެހޭ ކަމަށެވެ. އެގޮތުން މިހާރު ވެސް ޓީ ބިލް ވިއްކައިގެން އެއިން ބައެއް ހޯދިފައިވާ ކަމަށާއި އިތުރު 600 މިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.