ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން ހެދުމަށް ނިންމާފައިވާ ސިޔާސީ ޕާޓީގެ ގަވައިދަށް އާންމުކޮށް ހިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަން ކޮމިޝަނުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަންގެ މެންބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ ސިޔާސީ ޕާޓީގެ ގަވައިދުގެ ޑްރާފްޓް ސިޔާސީ ޕާޓީތަކަށާއި ޖަމިއްޔާތަކުގެ އިތުރުން އާންމުނަށް ވެސް ފެންނާނެހެން މިއަދު އާންމުކޮށްފައިވާއިރު އެގަވައިދަށް ހިޔާލު ހުށައެޅުމުގެ ފުރުސަތު މިއަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާނެ ކަމަށެވެ.

އެގަވައިދުގައި އެކުލެވިގެންވަނީ ކޮންކޮން ބައިތަކެއްތޯ "ސަން" އިން ސުވާލުކުރުމުން އޭނާ ވިދާޅުވީ އެ ގަވައިދުގައި ބޮޑަށް އެކުލަވާލާފައިވާނީ އިލެކްޝަން ކޮމިޝަނުން ކަންތައްތައް ކުރިއަށްގެންދާނެ ގޮތާއި ކަންކަން ކުރާނެ ގޮތުގެ މައްޗަށެވެ. އަދި އެ ގަވައިދުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ސިޔާސީ ޕާޓީތަކުން ހުށައަޅާ ފޯމްތަކަށް ވާނެގޮތެއް ހިމަނާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑުމެން އެކުލަވާލާފައިވާނީ ޕާޓިތަކަށް އެންމެ މުހިންމު މިހާރު އެބޭފުޅުން ހުށައަޅުއްވާފައިވާ ފޯމްތަކަށް ވާނެ ގޮތެއް، އޭގައި އިންތިގާލީ މަރުހަލާގެ ހަ މަސް ދުވަހުގެ މަރުހަލާ ވެސް އޮންނާނެ. އާ ފޯމްއަށް ބަދަލުވެ މިގަވައިދަށް އަމަލުކުރުމަށް ފެށުނުއިރު ހުރި ފޯމްތައް އަޅުގަނޑުމެން ބަލައިގަންނާނެގޮތާއި އެކަހަލަ ގޮތްގޮތް ހުންނާނެ،" އަލީ މުހައްމަދު މަނިކު ވިދާޅުވި އެވެ.

އެ ގަވައިދުގައި ސިޔާސީ ޕާޓިތަކުން މާލީ ބަޔާން ނެރޭނެ ގޮތާއި ދޭނެ އަދަބުތައް ބުނެފައިވާއިރު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަދޭތާ ތިން މަސް ދުވަހުގެ ތެރޭގައި މަދުވެގެން 10،000 މީހުންގެ ފޯމް އިލެކްޝަނަށް ހުށައަޅަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އަދި އެހުށައަޅާ ފޯމްތައް ޗެކްކޮށްނިމޭއިރު 10،000 މީހުން ހަމަނުވާނަމަ އެ އަދަދު ހަމަކުރުމަށް އިތުރު ތިން މަސް ދުވަހުގެ މުއްދަތު ދިނުމަށް ފަހު އެމުއްދަތުގެ ތެރޭގައި ހަމަނުކުރެވިއްޖެ ނަމަ ޕާޓީ ހެދުމަށް ދިން ހުއްދަ ބާތިލް ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އެގަވައިދަށް ހިޔާލްފޮނުމުގެ ފުރުސަތު އެކޮމިޝަނަށް ސިޓީ އިންނާއި 3323997 ނަންބަރަށް ފެކްސް ކޮންގެންނާއި[email protected]އަށް މެއިލްކޮށްގެން ވެސް ހުޅުވާލާފައިވާ ކަމަށެވެ.

މަނިކު ވިދާޅުވީ ވޯޓާސް ލިސްޓް މިމަހުގެ 26 ވަނަ ދުވަހު ގެޖެޓްކޮށް އިސްލާހު ހުށައެޅުމުގެ 10 ދުވަހުގެ ފުރުސަތެއް ހުޅުވާލާނެ ކަމަށެވެ.