22 May 2013, 16:57
ރާއްޖެ ޓީވީގެ ނޫސްވެރިޔާ އިބްރާހީމް ވަހީދު (އަސްވާޑު) އަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ އަސްވާޑަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ކަމަށްވާ މ. ކެރިންލައިޓްއުތުރުބައި އަހްމަދު ވިޝާން،22، އާއި ގ. ފެހިމާ ހަސަން ރައިހާން،19،ގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ނުރައްކާތެރި ހާނިއްކައެއް ލިބޭގޮތަށް މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ކަމަށެވެ.
މަނިކު ވިދާޅުވީ އެ ދެ މީހުންގެ ތެރެއިން ވިޝާންގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު 1:18 އެހައިކަންހާއިރު ރާއްޖެ ޓީވީގެ ނޫސްވެރިޔާ ގއ. ދެއްވަދޫ އަސްވާޑު، އިބްރާހީމް ވަހީދު ބޮޑުތަކުރުފާނު މަގުގައި ހުންނަ "ސްކައި ޓުވާސް" ކައިރިން ލާފައި ސައިކަލުގައި ދަނިކޮށް ތިން ފޫޓު ހުންނަ ވަރުގެ ދަގަނޑު ހޮޅިބުރި އަކުން އޭނާގެ ބޮލުގައި އާއި މޫނުގެ އެކިތަންތާގައި ތަޅައި މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.
ރައިހާންގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ އަސްވާޑަށް ހަމަލާދިނުމަށް ފަހު ވިޝާން އެ ސަރަހައްދުން ފިލާފައި ވަނީ ރައިހާން އާއި އެކީ ސައިކަލުގައިކަން ތަހުގީގުން އެނގެން އޮންނާތީ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.
އަސްވާޑުގެ މެޑިކޯލީގޯ ރިޕޯޓަށް ބެލިއިރު އޭނާގެ ސިކުނޑިއަށް ލޭފޭދި، ބޮލުގެ ނާށިގަނޑުގައި ރެނދުލައި، މޫނުގެ ކަށިތައް ބިންދައިގެން ގޮސް ކަނާތްފަރާތު ލޮލަށް އަނިޔާ ލިބިފައިވާކަން އެނގެން އޮންނަ ކަމަށް ދައުލަތުން ކުރި ދައުވާގައި ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.