މެޖިސްޓްރޭޓަކު ނުލައި، އެންމެ މުވައްޒަފަކާއެކު ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓު ހިންގަމުންދާތީ އެކަމާ ހިންހަމަނުޖެހިގެން އެ ރަށު ރައްޔިތުންތަކެއް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ގދ. ވާދޫ ކޯޓުގައި ތިބެނީ ޖުމްލަ ތިން މުވައްޒަފުންނެވެ. އެއީ މަސައްކަތު މީހަކާއި އިދާރީ ދެ މުވައްޒަފުނެވެ. މަސައްކަތު މީހާ ޗުއްޓީގައި ހުރިއިރު، އެޑްމިން އޮފިސަރު ހުރީ އާއިލީ ޒިންމާގެ ޗުއްޓީއެއްގައި އޭނާގެ ބައްޕަ ބަލިވެގެން މާލޭގަ އެވެ.

ވާދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝިޔާޒު މިއަދު ވިދާޅުވީ މެޖިސްޓްރޭޓަކާއި ނުލައި ރަށު ކޯޓު ހިންގަމުންދާތާ އެއް އަހަރު ވެދާނެ ކަމަށެވެ. އަދި ދާއިރާގެ އިސް މެޖިސްޓްރޭޓް ކޮންމެ މަހަކު ވެސް ކޯޓަށް ވަޑައިގަންނަވާ ކަމަށާއި ނަމަވެސް މައްސަލައެއް ނިމޭތަން ނުފެންނަ ކަމަށް ޝިޔާޒު ވިދާޅުވި އެވެ. އަދި އެކަމާ ހިންހަމަޖެހިގެން ރަށު ބަޔަކު ނުކުމެ ކޯޓު ބަންދު ކުރަން މަސައްކަތް ކުރި ކަމަށް ޝިޔާޒު ވިދާޅުވި އެވެ.

ޝީޔާޒު ދެއްކެވި ވާހަކަތައް ވާދޫ ކޯޓުގެ މަސައްކަތަށް މިއަދު ނުކުތް ހަމައެކަނި މުވައްޒަފު މުހައްމަދު އަލީ މުނީޒު ދޮގު ކުރި އެވެ. އޭނާ ބުނީ ކޮންމެ މަހަކު އެއްފަހަރު ދާއިރާގެ މެޖިސްޓްރޭޓް އެ ރަށަށް ވަޑައިގަންނަވާ ކަމަށާއި ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް ބެލުމުގައި ހަފްތާއެއްހާ ދުވަހު ރަށުގައި މަޑުކުރައްވާ ކަމަށެވެ.

މިއަދު ރަށު ކޯޓަަށް ހުށަހެޅި 19 މައްސަލައިގެ ތެރެއިން ހަތް މައްސަލަ ފިޔަވައި އެހެން ހުރިހާ މައްސަލަތަކެއް ބަލައި ނިންމާފައިވާ ކަމަށާއި ނުނިމި ހުރި މައްސަލަތަކަކީ ޖިނާއީ މައްސަލަތަކެއް ކަމަށް ކޯޓުގެ މުވައްޒަފު ބުންޏެވެ.

ގދ. އަތޮޅުގައި މެޖިސްޓްރޭޓަކާ ނުލައި ހިންގަމުންދާ ކޯޓުތަކަކީ ގައްދޫ ކޯޓާއި ނަޑެއްލާ ކޯޓާއި ވާދޫ ކޯޓެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން 40 ރަށެއްގައި މެޖިސްޓްރޭޓަކާ ނުލައި ކޯޓުތައް ހިންގަމުންދާއިރު، އެ ކޯޓުތަކުގެ މައްސަލަތައް ބަލަނީ ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންނެވެ. މެޖިސްޓްރޭޓުން ހޯދުމަށް ޖުޑީޝަން ސާވިސް ކޮމިޝަނުންކޮށްފައިވާ އިއުލާންގައި ގދ. ވާދޫއަށް ވެސް މެޖިސްޓްރޭޓަކު ހޯދުމަށް ވަނީ އިއުލާންކޮށްފަ އެވެ.