މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސްގެ ވެރިޔާ އިސްމާއިލް އަބްދުއްލަތީފުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޚިޔާނަތްތެރިވުމުގެ ކުށުގެ ދައުވާ އަށް އޭނާ އިންކާރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އިސްމާއިލް އަބްދުއްލަތީފް ދައުވާ އަށް އިންކާރު ކުރުމުން ގާޒީ ވަނީ އިންކާރު ކުރި ސަބަބު ކިޔައިދިނުމަށް އޭނާ އަށް އަންގާފަ އެވެ.

އިސްމާއިލް އަބްދުއްލަތީފް ވިދާޅުވީ ދައުވާ އަށް އިންކާރު ކުރާ ސަބަބުތައް ކިޔައިދެވޭނީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ކަމަށެވެ. އިސް ގާޒީ އަބްދުﷲ މުހައްމަދު ވަނީ އިސްމާއިލް އަބްދުއްލަތީފްގެ ވަކީލު އެދިވަޑައިގެންނެވި ގޮތަށް އެ ފުރުސަތު ދެއްވާފަ އެވެ.

އެ ދައުވާ ސާބިތު ކުރުމަށް ހެކި ހުށަހެޅުމަށް ދައުލަތަށް ފުރުސަތު އެރުވުމުން ދައުލަތުގެ ވަކީލާ އާއިޝަތު މުހައްމަދު ވިދާޅުވީ ހެކި ހުށަހަޅާނީ ދައުވާ އަށް އިންކާރުކުރާ ސަބަބުތައް އިސްމާއީލް އަބްދުއްލަތީފް ވިދާޅުވުމުން ކަމަށެވެ.

ދައުލަތުން އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް ކުރި ދައުވާގައި ބުނެފައި ވަނީ 1433 ވަނަ އަހަރު މީހުން ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން 8.6 މިލިއަން ރުފިޔާ ނެގުމަށް ފަހު، އެ މީހުން ހައްޖަށް ގެންގޮސް ނުދީ އިސްމާއީލްއަބްދުއްލަތީފް އެ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާ ކަމުގެ ދައުވާ އެވެ.

ހައްޖަށް ދިޔުމަށް މަލީޝާ އަށް ފައިސާ ދައްކާފައިވާ މީހުންގެ ތެރޭގައި ގއ. ކޮލަމާފުށީ ކައުންސިލް މެމްބަރު އަދުނާން ހަސަން ވެސް ހިމެނިވަޑައިގެންނަވަ އެވެ. އަދި ހައްޖަށް ދިއުމަށް އެޖަމާއަތަށް އެންމެ ގިނަ އިން ފައިސާ ދައްކާފައި ވަނީ ތ. ގުރައިދޫ އަށް ނިސްބަތްވާ މީހުންނެވެ. ރާއްޖޭގެ އެކި ރަށްތަކުން އެ ޖަމާއަތަށް ފައިސާ ދައްކާފައިވާއިރު އިންޑިއާގެ ދެ މީހަކު ވެސް ހައްޖަށް ދިޔުމަށްޓަކައި މަލީޝާ ޖަމާއަތަށް ފައިސާ ދައްކާފައިވެ އެވެ.