22 May 2013, 15:25
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ 183 ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް ގައުމީ ޔުނިވާސިޓީން ބުނެފި އެވެ.
ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔުނިވާސިޓީގެ ރަޖިސްޓްރާ އައިޝަތު އަލީ ވިދާޅުވީ ގައުމީ ޔުނިވާސިޓީގެ 183 ކޯހަކަށް 5276 ކުދިންނަށް ޖާގަ ދެވޭނެ ކަމަށެވެ. "އަޅުގަނޑުމެންގެ ތަފާތު އެކި ކެންޕަސް ތަކުގައި 183 ކޯހެއް މިއަހަރު ހިންގާނެ. އެ ކޯސްތަކުގައި 5276 ކުދިންނަށް ޖާގަ ހުޅުވާލެވިފައިވޭ. އަދި އެ ކޯސް ތަކުގެ ތެރެއިން 3125 ކުދިން މިހާރު ކުރިމަތިލާފައިވޭ،" ރަޖިސްޓްރާ ވިދާޅުވި އެވެ.
ރަޖިސްޓްރާ ވިދާޅުވީ ޔުނިވާސިޓީގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި އެހެން ނަމަވެސް ފަހުން އެ ޔުނިވާސިޓީގެ އެހެން ފެކަލްޓީ ތަކުގެ ކޯސްތަކަށް އިއުލާން ކުރުމާއި ގުޅިގެން ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު އިތުކުރެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ހުޅުވާލާފައިވާ ކޯސްތަކުގެ ތެރެއިން ޖާގަ ފުލްވެފައި ވަނީ ހަމައެކަނި ނާސިން ދާއިރާގެ ކޯސްތަކަ ކަމަށް ރަޖިސްޓްރާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ޔުނިވާސިޓީން މިއަހަރު ހުޅުވާލި ކޯސްތަކުގެ ތެރޭގައި ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީ ފެންވަރުގެ ކޯސް ތަކަށް ކުރިމަތި ލުމުގެ ފުރުރަސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިއަހަރު މި ހުޅުވާލި ހުރިހައި ކޯސްތަކެއް ވެސް ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ގާއިމް ކުރެވިފައިވާ ޔުނިވާސިޓީގެ ކެންޕަސް ތަކުގައި ކިޔަވައިދޭނެ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން ލ. ގަމުގައި އަލަށް ހުޅުވޭ ކެންޕަހުގައި ވެސް މި ކޯސް ތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެމްއެންޔޫގެ ރަޖިސްޓްރާ ވިދާޅުވި އެވެ.
ޔުނިވާސިޓީން ކުރިއަށް ރާވާފައިވާ ކަންތައްތަކާއި ގުޅޭގޮތުން ޔުނިވާސިޓީން ބުނެފައިވަނީ ކުރިއަށް ދުވަސްތަކުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުގައި ޔުނިވާސިޓީގެ އައުޓްރީޗް ސެންޓަރު ތަކެއް ގާއިމް ކުރެވޭނެ ކަމަށެވެ. އަދި އެ ސެންޓަރުތައް ގާއިމް ކުރުމަށްޓަކައި ވަރަށް އަވަހަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުިވާލާނެ ކަމަށެވެ.