އިސްލާމް އާބާދު (މޭ 22): ޕާކިސްތާނުގެ ތާލިބާން ޖަމާއަތާއެކު ސުލްޙައިގެ މަގު ޚިޔާރުކުރުމަށް އިސްކަން ދެއްވާނެ ކަމަށް ޕާކިސްތާނުގެ ޕާލަމެންޓްރީ އިންތިޚާބު ކާމިޔާބު ކުރެއްވި އަދި އެ ގައުމުގެ ބޮޑުވަޒީރު ކަމަށް އިސްވެވަޑައިގަތުމަށް ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާ ނަވާޒް ޝަރީފު ވިދާޅުވެއްޖެ އެވެ.

ނަވާޒް ޝަރީފު ވިދާޅުވީ ސުލްހައިގެ މަގު ޚިޔާރުކޮށް ސުލްހައިގެ ވާހަކަތަކެއްގައި ބައިވެރިވުމުގެ އިޝާރާތެއް ތާލިބާނުންގެ ފަރާތުން ވެސް ލިބޭނެ ކަމުގެ އުންމީދުގައި ހުންނެވިކަމުގަ އެވެ. އިންތިޚާބުގެ ކޭންޕޭންގައި ވެސް ނަވާޒް ޝަރީފު ވަނީ އޭނާއަށް ޕާކިސްތާނުގެ ބޮޑުވަޒީރުކަން ލިބިވަޑައިގެންފިނަމަ ތާލިބާނުންނާ ސުލްޙަ ވުމުގެ ފޯމިއުލާއެއް ނެރުއްވައި އެމެރިކާއަށް ޢަސްކަރީ ގޮތުން އެއްބާރުލުން ދިނުމުގައި ހިފެހެއްޓުންތަކެއް ގެންގުޅުއްވާނެކަން ހާމަކުރައްވާފަ އެވެ.

އަނެއްކޮޅުން ތާލިބާން ޖަމާއަތާއެކު ސުލްޙައިގެވާހަކަތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެގައުމުގައި މިދިޔަ ހަފްތާގައި ބޭއްވި ޢާންމު އިންތިޚާބުގައި ތިންވަނައަށް އެންމެ ގިނަ ގޮނޑި ހޯދި "ތަޙްރީކޭ އިންސާފް" ޕާޓީން ވެސް ވަނީ ބުނެފަ އެވެ. ޕާކިސްތާނުގެ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ޢިމްރާން ޚާންގެ ޕާޓީ ކަމަށްވާ "ތަޙްރީކޭ އިންސާފް" އިން ބުނީ ތާލިބާނުންނާ ވާހަކަ ދައްކައިގެން ގައުމަށް ސުލްހަ އާއި ހަމަޖެހުން ގެނައުމަކީ އެ ޕާޓީން އެންމެ އިސްކަންދޭ ކަންތައް ކަމުގަ އެވެ.

ތާލިބާނުންނާއެކު ސުލްޙައިގެ ވާހަކަތައް ފެށުމަށް މަގުފަހި ކުރުމުގެ ގޮތުން "ތަޙްރީކޭ އިންސާފް" ޕާޓީން އިއްޔެ ބުނެފައި ވަނީ ތާލިބާނުންނާ ގާތް ގުޅުންތަކެއް އޮންނަ އަދި އެޖަމާއަތުގެ އިތުބާރު ލިބިފައިވާ ދީނީ އިލްމުވެރިއެއް ކަމަށްވާ މުއްލާ ސަމީޢުލްޙައްޤުއާ ބައްދަލުކޮށް ވާހަކަ ދައްކާފައިވާނެ ކަމަށާމި ވާހަކަތަކުން ތާލިބާނުން ސުލްހައިގެ މަގަށް ގެނެވިދާނެކަމުގެ އުންމީދު ބޮޑުވެގެން ހިނގައްޖެ ކަމުގަ އެވެ.

ތާލިބާނުންގެ މައިމަރުކަޒު ކަމަށްވާ ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ޚައިބަރު ޕަޚްތޫން ޚުވާ ސަރަހައްދުގެ ލޯކަލް ކައުންސިލްގެ އިންތިޚާބު ކާމިޔާބުކޮށްފައިވަނީވެސް "ތަޙްރީކޭ އިންސާފް" ޕާޓީންނެވެ. ޕާކިސްތާނުގެ އާންމު އިންތިޚާބުގެ ކޭންޕޭންތައް ކުރިޔަށްދިޔައިރު ތާލިބާނުންގެ ގޯނާތައް ކުރިމަތިވެފައިނުވާ ދެ ޕާޓީއަކީ އިމްރާން ޚާންގެ "ތަޙްރީކޭ އިންސާފް" ޕާޓީ އާއި ނަވާޒް ޝަރީފުގެ "ޕާކިސްތާން މުސްލިމް ލީގް- ނަވާޒް" ޕާޓީއެވެ. (އަލްޖަޒީރާ)