ވޯލްޑްކަޕްގެ ނަތީޖާ ދިމާކޮށްގެން ދުނިޔޭގެ މަޝްހޫރުކަން ހޯދި "ޕޯލް" ނަމަކަށް ކިޔާ ބޯވަ މަރުވެއްޖެ ކަމަށް އެ ބޯވަ ގެންގުޅުނު އެކުއޭރިއަމުން ބުނެފި އެވެ.


ވޯލްޑް ކަޕްގައި ޖަރުމަން ކުޅުނު މެޗުތަކާއި ފައިނަލް މެޗުން މޮޅުވާނެ ޓީމުތައް ދިމާކޮށްގެން މަޝްހޫރު ކަން ހޯދި ޕޯލް މަރުވުމާ ގުޅިގެން އޮބެންހައުސް ސީ މެނޭޖްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވޯލްޑް ކަޕަށް ވުރެވެސް ޕޯލް މާ ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ކަމަށެވެ.


ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ޕޯލްގެ ހަށިގަނޑު މިވަގުތު ކޯލް ސްޓޯރޭޖްގައި އޮތް އިރު ޕޯލް މަރުވިއިރު އޮތް އެކުއޭރިއަމުން އަންނަނީ ޚާއްސަ ޖަނާޒާއެއް ބޭއްވުމަށް ވެސް ތައްޔާރުވަމުންނެވެ. މީގެ އިތުރުން ވެސް ޕޯލްގެ ހަނދާނުގައި، ހަނދާނީ ބިނާއެއް ހެދުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އެކުއޭރިއަމުން ބުންޏެވެ.


ޕޯލް ލައްވައި މެޗްގެ ނަތީޖާ ހޯދުމަށް ޕްލާސްޓިކް ދެ ފޮށްޓަކަށް ޕޯލްކާ އެއްޗެހި އަޅާ މެޗްކުޅޭ ދެޓީމްގެ ދިދަ ފޮށީގައި ޖަހާ އެކުއޭރިއަމްގެ އޮފިޝަލުން ޕޯލް އިންނަ ޓޭންކުގެ ތެރެއަށްލައެވެ. އަދި އެދެ ފޮށީގެ ތެރެއިން ޕޯލް އިޚްތިޔާރު ކުރާ ފޮށްޓަކީ އެފަހަރު މޮޅުވާ ޓީމު ކަމުގައި ބަލައެވެ.


ދެ އަހަރާއި ބައިގެ ކުރުމުއްދަތެއްގެ ޕޯލް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ބައްދަލު ކުރި ސްޕެއިން ޖަރުމަނުގެ ތެރެއިން ސްޕެއިން މޮޅުވާނެ ކަމަށް ބުނެފައިވަނިކޮށް ވޯލްޑް ކަޕް ސްޕެއިން ކާމިޔާބު ކުރުމާއި ގުޅިގެން ޖަރުމަނު ސަޕޯޓަރުން ވަނީ ޕޯލް އަށް މަރުގެ އިންޒާރުދީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.