22 May 2013, 13:48
މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ކުދިންނާ ގުޅުން ހުރި 321 މައްސަލައެއް ހުށަހެޅިފައިވާ ކަަމަށް ޖެންޑާ، ފެމިލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓްރީން ބުނެފި އެވެ.
ޖެންޑާ މިނިސްޓްރީއަށް މިއަދުގެ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށް ހުށަހެޅިފައިވާ މައްސަލަތަކާ ބެހޭ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެ މުއްދަތުގެ ތެރޭގައި 193 އަންހެން ކުއްޖެއްގެ މައްސަލަ ހުށަހެޅިފައިވާއިރު 264 ފިރިހެން ކުދިންގެ މައްސަލަ ވަނީ އެ މިނިސްޓްރީއަށް ހުށަހަޅާފަ އެވެ. އެކުދިންގެ ތެރެއިން 264 ކުދިންނަކީ ސްކޫލްގައި ކިޔަވަމުންދާ ކުދިންނެވެ.
މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކަގެ ތެރޭގައި އެންމެ ގިނައިން ހުށަހެޅިފައި ހުރީ ކުޑަކުދިންނަށް ކުރާ ހާނިއްކައިގެ މައްސަލަތަކެވެެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި 65 އަންހެން ކުއްޖެއްގެ މައްސަލަ އާއި 13 ފިރިހެން ކުދިންގެ މައްސަލަ ހިމެނެ އެވެ. އަދި 61 ކުދިންނަކީ ސްކޫލްގައި ކިޔަވަމުން އަންނަ ކުދިންނެވެ. އަދި ޖިންސީ ހާނިއްކައިގެ 75 މައްސަލައަކާއި ޖިސްމާނީ ހާނިއްކައިގެ 51 މައްސަލައަކާއި އިހުމާލުގެ 54 މައްސަލައެއް ވެސް ވަނީ ހުށަހަޅާފަ އެވެ.
މީގެ އިތުރުން ގާނޫނާއި ގަވާއިދާ ހިލާފުވުމުގެ އެކިއެކި މައްސަލަތަކުގައި 19 ކުއްޖެއްގެ މައްސަލަ ވަނީ ހުށަހަޅާފަ އެވެ. އެންމެ ގިނައިން ހުށަހަޅާފައި ހުރީ ވައްކަން ކުރުމާއި މާރާމާރީ އާއި މަސްތުވާތަކެތި ގެންގުޅުން ބޭނުން ކުރުން އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ މައްސަލަތަކެވެ.