ބްރެޒިލްގެ ސަންތޯސްއަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް ނޭމާއަކީ ބާސެލޯނާއަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށް ބާސާގެ ފޯވާޑް ލިއޮނެލް މެސީ ބުނެފި އެވެ.

މެސީ ބުނީ، ނޭމާއަކީ ބާސާއަށް މިވަގުތު ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގައި އެންމެ ކުރީގައި އުޅޭ އެއް ކުޅުންތެރިއާ ކަމަށާއި އޭނާ ބާސާ އާއި ގުޅިއްޖެ ނަމަ އެ ޓީމުގެ އެޓޭކަށް އިތުރު ބާރަކާއި ކުރިއެރުން ލިބޭނެ ކަމަށެވެ.

"ނޭމާއާކީ ބާސާއަށް މުހިންމު ކުޅުންތެރިއެއް. އަހަރުމެން ނޭމާ ހޯދަން މަސައްކަތް ކުރާނަން،" މެސީ ބުންޏެވެ.

ނޭމާއަކީ ބާސާއަށް މުހިންމު ކުޅުންތެރިއެއް ކަމަށް މެސީ ބުނި ކަމުގައި ވިޔަސް، ދާދި ފަހުން މީޑިއާގައި ވާހަކަ ދައްކަމުން ނޭމާ ބުނެފައި އަންނަ އަހަރުގެ ވޯލްޑް ކަޕުގެ ނިޔަލަށް ބްރެޒިލުގައި މަޑުކުރަން ބޭނުންވާ ކަމަށެވެ.

އެހެންނަމަވެސް ސަންތޯސްގެ ނައިބު ރައީސް އޮޑީލިއޯ ރޮޑްރިގޭޒް އާއި ހަވާލާދީ މީޑީއާ ރިޕޯޓް ތަކުގައި ބުނެފައި ވަނީ ސަންތޯސް ދޫކޮށްލުމުގެ ވިސްނުން ނޭމާ ގެންގުޅޭ ކަމަށެވެ.

ސަންތޯސްއާ އެކު ނޭމާ ހަދާފައިވާ ކޮންޓުރެކްޓު ހަމަވާނީ 2014 ވަނަ އަހަރުގެ ފަހު ކޮޅު ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ދެ ވަނަ ފަހަރަކަށް ބްރެޒިލް ގައުމީ ޓީމާ ގުޅުނު ކޯޗު ސްކޮލާރީ ދެކޭގޮތުގައި ނޭމާއަށް މިވަގުތު ހުރުން އެންމެ ރަނގަޅީ ބްރެޒިލްގެ ސަންތޯސްގައެވެ. މިހާރު ބާސާއާ ގުޅިއްޖެނަމަ، ބްރެޒިލް ގައުމީ ޓީމަށް ކޮށްފާނެ އަސަރަކާ މެދު ސްކޮލާރީ ކަންބޮޑުވާ ކަމަށް ވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.