ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ހަތަރު މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރު ކުރަން ނިންމައިފި އެވެ.

ޖޭއެސްސީ އާއި ދެކޮޅަށް އެމްޑީޕީގެ ޕާލެމެންޓްރީ ގުރޫޕްގެ ހަތަރު މެންބަރަކު ސޮއި ކުރައްވައި ހުށަހެޅި މައްސަލައާއި ގުޅިގެން ރައްޔިތުންހެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރު ކުރަން ނިންމާފައި ވަނީ ޖޭއެސްސީގެ ރައީސް އަދި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދާއި، ޖޭއެސްސީއަށް ރައީސުލްޖުމްހޫރީއްޔާ ކަނޑައަޅުއްވާފައިވާ މެންބަރު އަހުމަދު ސަލީ (ރޭނީސް ސަލީމް) އާއި ކޮމިޝަންގައި އާންމުންގެ ފަރާތުން އިންނަވާ ޝެއިހް ޝުޢައިބް އަބްދުއްރަހްމާނާއި، އަދި ދަށު ކޯޓުތަކުގެ ފަރާތުން ޖޭއެސްސީގައި އިންނަވާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.

އެމްޑީޕީގެ ހަތަރު މެންބަރުން ސޮއި ކުރައްވައި މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީއާއި ދެކޮޅަށް ދިވެހިރާއްޖޭގެ ހައިކޯޓަށާް ހުށަހަޅާފައިވާ މައްސަލަ އަށް ޖޭއެސްސީން ނުފޫޒް ފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ޖޭއެސްސީގެ ރައީސް އާއި ނައިބް ރައީސް ސޮއި ކުރައްވައި ރައީސް ނަޝީދު ޖޭއެސްސީއާ ދެކޮޅަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަވަސް ކުރުމަށް އެދި ގާނޫނާއި ގަވާއިދުގެ ބޭރުން ސިޓީ ފޮނުވަމުންދާ ކަމަށާއި ހައިކޯޓުގެ އިސް ފަނޑިޔާރަށް ބިރުދެއްކުމުގެ އޭނާ ޖޭއެސްސީ އަށް ހާޒިރު ކުރާ ކަމަށް އެމްޑީޕީގެ ޕާލެމެންޓްރީ ގުރޫޕްގެ ހަތަރު މެންބަރުން ސޮއި ކުރައްވައި ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ ރައީސް ނަޝީދު ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަށް ނުފޫޒް ފޯރުވުމުގެ ގޮތުން ޖޭއެސްސީން ހައިކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފް އަލީ ޖޭއެސްސީ ހާޒިރު ކުރަމުންދާ ކަމަށެވެ. އަދި ހައިކޯޓުގެ އިސް ފަނޑިޔާރު ޖޭއެސްސީ އަށް ހާޒިރު ކުރުމަށް ފަހު އޭނާ އަށް ތަފާތު އެކި ގޮތް ގޮތަށް ޖޭއެސްސީގެ ރައީސް ބިރު ދައްކަމުންދާ ކަމަށް ވެސް އަލީ ވަހީދު ތުހުމަތު ކުރެއްވި އެވެ.

"ވެގެން މިއުޅޭ ސޮތް ވަރަށް ސާފު. ވެގެން މިއުޅޭ ގޮތަކީ ރައީސް ނަޝީދުގެ މައްސަލަ ބަލާ ފަނޑިޔާރު ދެއިރު ދެ ދަޅަޔަށް ޖޭއެސްސީ އަށް ގެންގޮސްގެން އާދަމް މުހައްމަދު ބިރު ދައްކަނީ. އިނގިލިދިއްކޮށްފަ ވާހަކަ ދައްކާފަ. މީ ވަރަށް ބޮޑު މައްސަލަ އެއް،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ޖޭއެސްސީން ހައިކޯޓަށް ގާނޫނީ ލަފާދީ ފޮނުވާފައިވާ ސިޓީ އެއް ލީކްވެފައިވާ ކަމަށެވެ. އެގޮތުން އެ ސިޓީގައި ބުނެފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވީ ހައިކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ވަކި މަުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށާއި އެހެން ކަމުން ގާނޫނުގައި ބުނެފައިވާ ގޮތަށް މައްސަލަ އަވަސް ކުރުމަށް ޖޭއެސްސީން ހައިކޯޓަށް ގާނޫނީ ލަފާ ދީފައިވާ ކަމަށް ވިދާޅުވި އެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވީ ޖޭއެސްސީއަށް އެއްވެސް ގޮތަކަށް އެއްވެސް މައްސަލައަކާއި ގުޅިގެން ހައިކޯޓަށް ގާނޫނީ ލަފާ ނުދެވޭނެ ކަމަށާއި އެކަން ބަލަން ޖެހޭނެ ކަމަށެވެ.

ކޮމެޓީގައި މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ތުލުސްދޫ ދާއިރާގެ މެންބަރު އޮޒައިނާ އާދަމް ވިދާޅުވީ ރައްޔިޔުތުންގެ މަޖިލީހުން ވަކިކޮށްފައިވާ ސީއެސްސީގެ ރައީސް މުހައްމަދު ފަހުމީ ހަސަން ޖޭއެސްސީގައި ހުންނަވައިގެން ޖޭއެސްސީން ބާއްވާ އެއްވެސް ބައްދަލުވުމެއް ވެސް އަދި ނިންމާ އެއްވެސް ނިންމުމެއް ވެސް ސައްހަ ނުވާނެ ކަމަށެވެ. އަދި ފަހުމީ ޖޭއެސްސީގައި ހުންނަވައިގެން ޖޭއެސްސީން ނިންމުންތައް އެއީ ހިންގާ ޖަރީމާ އެއް ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ ޖޭއެސްސީގެ އެއްވެސް މައްސަލަ އެއް ކޮމެޓީން ބެލުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން ވަކި ކޮށްފައިވާ ސީއެސްސީގެ ރައީސް ޖޭއެސްސީގެ ހުންނަ މައްސަލަ ބަލަން ޖެހޭ ކަމަށެވެ. އަދި ޖޭއެސްސީގެ ބައްދަލުވުން ތަކުގައި ފަހުމީއަށް ބައިވެރި ނުވެވޭނެ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ޖޭއެސްސީ އަށް އަންގަން ޖެހޭނެ ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.

ކޮމެޓީގެ މުގައްރިރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ ފަހުމީގެ މައްސަލައަކީ ވަކި މައްސަލައެއް ކަމަށާއި އެހެން ކަމުން އެ މައްސަލަ ވަކި މައްސަލަ އެއްގެ ގޮތުގައި ހުށަހެޅުއްވުމަށް ނަޝީދު ވިދާޅުވި އެވެ.

ޖޭއެސްސީގެ ހަތަރު މެންބަރުން ކޮމެޓީ އަށް ހާޒިރު ކުރަން ނިންމާފައި ވަނީ މާދަމާ ބާއްވާ ކޮމެޓީގެ ބައްދަލުވުމަށެވެ. އެގޮތަށް ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު އެވެ. ތާއިދު ކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޢަފޫރު އެވެ. ހާޒިރު ކުރުމަށް ފާސްވީ ހަތަރު މެންބަރުންގެ ވޯޓުންނެވެ.