އޮކްލަހޯމާ ސިޓީ (މޭ 22): އެމެރިކާގެ އޮކްލަހޯމާ ސިޓީއަށް އައި ބާރުގަދަ ނަގޫރޯޅިއެއްގައި 91 މީހަކު މަރުވެ 230 އަށްވުރެ ގިނަމީހުން ޒަހަމްވެއްޖެ އެވެ.

އޮކްލަހޯމާގެ ގަވަރުނަރުގެ ނައިބު ޓޮޑް ލާމްޕް ވިދާޅުވި ގޮތުގައި މިނަގޫރޯޅި އަރާފައިވަނީ ގަޑިއަކު 320 ކިލޯމީޓަރުގެ ބާރުގަދަ ވަޔާއެކު މީހުން ދިރިއުޅޭ ސަރަޙައްދެއްގެ މެދަށެވެ. ނަތީޖާއެއްގެ ގޮތުން ދެ ކިލޯމީޓަރުގެ ޑައިމީޓަރުގެ ސަރަޙައްދެއްގައިވާ ގެތަކާއި ޢިމާރާތްތަކާއި ގަސްގަހާގެހި ވަނީ ކުދިކުދިވެ މުޅިން ބިމާހަމަވެފައިވާ ކަމުގެ މަޢްލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މަރުވި 91 މީހުންގެ ތެރޭގައި 20 ކުޑަކުދިން ހިމެނެ އެވެ. އަދި ޒަޚަމްވި 230 މީހުންގެ ތެރޭގައި 45 ކުދިން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ މޫސުމާބެހޭ އިދާރާ ބުނާ ގޮތުން އޮކްލޮހާމާ އަށް އަރާފައި މި ވަނީ ދެވަނަ ދަރަޖައިގެ ނަގޫރޯޅިއެކެވެ. އެ ނަގޫރޯޅީގައި ކާރުތައް ވެސް ވަޔާ ބުރުވާލި ކަމަށް އެމެރިކާގެ މީޑިޔާ ބުނެ އެވެ. މިއީ އެމެރިކާގެ މިޒޫރީ ސްޓޭޓައް އެންމެ ފަހުން އެރި ނަގޫރޯޅިއަށްފަހު އެމެރިކާއަށް އެރި އެންމެ ނުރައްކާތެރި އަދި ގެއްލުންދެނިވި ނަގޫރޯޅި ކަމަށް ޚަބަރުލިބެ އެވެ. މިޒޫރީގެ ނަގޫރޯޅީގައި 161 މީހަކު މަރުވެފައިވެ އެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ އޮކްލަހޯމާ ސިޓީއަކީ ކާރިސާ ގެ ޙާލަތުގައި އޮތް ސަރަޙައްދެއް ކަމަށް އިޢްލާންކުރައްވައި އެމެރިކާގެ މައި ސަރުކާރުން އެ ސިޓީއަށް އެހީތެރިކަން ފޯރުކޮށްދޭނެކަން ހާމާކުރައްވާފައެވެ. (އަލްޖަޒީރާ)