ނިއުދިއްލީ (މޭ 22) : ޗައިނާގެ ބޮޑުވަޒީރު ލީ ކެޗިޔާންގް އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދެގައުމުގެ އިޤްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމާބެހޭ އެއްބަސްވުންތަކެއްގައި އެއްބަސްވުންތަކެއްގައި ދެގައުމުގެ މަސްއޫލުވެރިން ސޮއިކުރައްވައިފިއެވެ.

މިއެއްބަސްވުންތަކުގެ ތެރޭގައި އިންޑިޔާގެކުންފުނިތަކަށް ޗައިނާގެ ބާޒާރު މިހާރަށްވުރެ ބޮޑަށް ހުޅުވާލުމާއި ދެގައުމުގެ ވިޔަފާރީގެ މުޢާމަލާތުގެ މިންވަރު ދެހާސް ފަނަރަ ވަނަ އަހަރު އަންނަންވާއިރަށް ސަތޭކަ ބިލިޔަން އެމެރިކާ ޑޮލަރަށް މައްޗަށް ގެންދިޔުމަށް މަގުފަހިވާ އެއްބަސްވުންތައް ހިމެނޭކަމަށް އެދެގައުމުގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ޗައިނާގެ ބޮޑުވަޒީރު ލީ ކެޗިޔާންގް އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގް އާއި އިންޑިޔާގެ ބައެއް އެހެން އިސްމަސްއޫލުވެރިންނާވެސް ވަނީ ބައްދަލުކުރައްވާފައެވެ.

ނިއުދިއްލީގައި ވާހަކަ ދައްކަވަމުން ޗައިނާގެ ބައެއް މަސްއޫލުވެރިން އިއްޔެ ވިދާޅުވީ ދެގައުމުގެ ވިޔަފާރީގެ މުޢާމަލާތުގެ މިންވަރު ދެހާސް ފަނަރަ ވަނަ އަހަރު އަންނަންވާއިރަށް ސަތޭކަ ބިލިޔަން އެމެރިކާ ޑޮލަރަށް މައްޗަށް ގެންދިޔުމަށާއި ޗައިނާގެ ބާޒާރު އިންޑިޔާގެކުންފުނިތަކަށް ހުޅުވާލުމާބެހޭގޮތުން ދެގައުމުގެ ބޮޑުވަޒީރުން މަޝްވަރާތައް ކުރެއްވުމަށްފަހު މިކަމާބެހޭ ނިންމުންތަކެއް ނިންމަވާފައިވާ ކަމުގައެވެ. އަދި މިނިންމުންތަކުގެ އަލީގައި މިކަމަށް މަގުފަހިކުރުމާބެހޭ އެއްބަސްވުންތަކެއްގައި ދެގައުމުގެ މަސްއޫލުވެރިން އިއްޔެ ސޮއިކުރައްވާފައިވާ ކަމަށްވެސް ޗައިނާގެ މަސްއޫލުވެރިން ވިދާޅުވެފައިވެއެވެ.
އިންޑިޔާގެ މީޑިޔާއިންވެސްވަނީ މިކަން ކަށަވަރުކޮށްދީފއެވެ. (ނޫސްއެޖެންސީތައް)