22 May 2013, 11:13
އާޖެންޓީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީއާ ބައްދަލު ކުރުމަށް ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސްގެ ފަރާތުން ދޯހާއަށް ފޮނުވި ވިލިމާލޭ މުހްޔިއްދީން ސްކޫލްގެ ގްރޭޑް އަށެއްގެ ދަރިވަރު މުހައްމަދު ޝައިހާން، މެސީއާ ބައްދަލު ކުރުމަށް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދަައިފި އެވެ.
އުމުރުން 14 އަހަރުގެ ޝައިހާން މެސީއާ ބައްދަލު ކުރުމަށް ދެކެމުންއައި ހުވަފެން ހަގީގަތަކަށްވެ މެސީއާ ބައްދަލު ކުރުމުގެ ފުރުސަތު ލިބުނީ، ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސްގެ މައި ކުންފުނި "އުރީދު"އާއި ލިއޮނަލް މެސީގެ "މެސީ ފައުންޑޭޝަން" ގުޅިގެން ކުޑަކުދިންނަށް އެހީތެރިވެ ދިނުމަށް ހާއްސަ މަޝްރޫއުތަކެއް ފެށުމަށް ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި ހާއްސަ ހަފުލާގަ އެވެ.
މެސީ ވަނީ އެ ހަފުލާއަށް ހާޒިރުވި، ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި އުރީދު ކުންފުނީގެ ހިދުމަތްދޭ ސަރަހައްދުގެ ކުޑަ ކުދިންނާއެކު ފުޓްބޯޅަ ޓްރެއިނިން ސެޝަން ތަކެއް ބާއްވާފަ އެވެ.
އުރީދުއާއި މެސީ ފައުންޑޭޝަން ގުޅިގެން މޮބައިލް ހެލްތު ކެއާ ކުލިނިކު ތަކުގެ އެހީގައި 2016 ވަނަ އަހަރާ ހަމައަށް އުރީދުގެ މާކެޓްތައް ކަމަށްވާ މެދު އިރުމައްޗާއި، އުތުރު އެފްރިކާ، ދެކުނު އިރުމަތީ އޭޝިޔާގެ ދެ މިލިޔަން ކުދިންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަގުސަދުގައި ފެށި، އެ މަޝްރޫއު ލޯންޗުކޮށް ދެއްވީ އުރީދުގެ ޗެއާމަން ޝެއިޚް ޢަބްދުﷲ ބިން މުޙައްމަދު ބިން ސަޢުދު އައް ޘާނީ އާއި ލިއޮނަލް މެސީއެވެ.
ޝެއިޚް ޢަބްދުﷲ ބިން މުޙައްމަދު ބިން ސަޢުދު އައް ޘާނީ ވިދާޅުވީ، ޅަފުރައިގެ ކުދިންނާއި ޒުވާނުންނަށް ދުޅަހެޔޮ ސިއްހަތަކާއި ތައުލީމާއި އެހެނިހެން ފުރުސަތުތައް ހޯދައިދީ އެމީނުންނަށް ދިރިއުޅުމުގެ މަގު ތަނަވަސް ކޮށްދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި، އުރީދު އާއި ލިއޯ މެސީ ފައުންޑޭޝަން ގުޅިގެން މި ފެށުނު މަޝްރޫއުތަކުގެ ސަބަބުން އެފަދަ އެހީތަކަށް ބޭނުންވާ ފަރާތްތަކަށް ރަނގަޅު އެހީތެރިކަމެއް ފޯރު ކޮށްދެވޭނޭ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އުރީދު އަކީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި އެ ކުންފުނީގެ ހިދުމަތް ހޯދަމުން ގެންދާ ސަރަހައްދު ތަކުގައި ދަތިހާލުގައި ދިރިއުޅޭ ފަރާތްތަކަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދީ މުޖުތަމައުގެ ތެރެއަށް އެފަރާތްތައް ގެނައުމަށް ތަފާތު އެހީތައް ދެމުން ގެންދާ ކުންފުންޏެކެވެ. އެގޮތުން 2008 ވަނަ އަހަރު އިންޑޮނޭޝިޔާގައި އެ ކުންފުނީގެ އިންޑޯސެޓްގެ ކުންފުނިން މުއާސަލާތީ ހިދުމަތް ދޭންފެށިފަހުން މިހާތަނަށް އެގައުމުގެ 600،000 މީހުންނަށް މޯބައިލް ކުލިނިކު ތަކުގެ އެހީގައި ސިއްހީ ހިދުމަތް ފޯރުކޮށްދީފައި ވެ އެވެ.
ލިއޯ މެސީ ފައުންޑޭޝަނަކީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ދިރިއުޅޭ ކުޑަކުދިންނަށް އެ ކުދިންގެ ހުވަފެންތައް ހަގީގަތަކަށް ހަދައި ދިނުމުގައި އެހީތެރިވެ ދިނުމުގެ މަގުސަދުގައި މެސީއާއި އޭނާގެ އާއިލާގެ އިސްނެގުމުގެ މަތިން 2007 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ.
އުރީދުގެ ގްލޯބަލް ބްރޭންޑް އެމްބެސަޑާ މެސީ ބުނީ ދުނިޔޭގެ އެތަކެއް ކުދިންތަކެއްގެ ހުވަފެންތަކެއް ހަގީގަތަކަށް ހެދުމަށް އުރީދުއާއި މެސީ ފައުންޑޭޝަން ގުޅިގެން ރަނގަޅު މަސައްކަތްތަކެއް ކުރެވޭނޭ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
"އަހަރެން ގަބޫލު ކުރަން އަހަރެންނާއި އުރީދު ގުޅިގެން މުޖުތަމައުއަށް ތަފާތު ކަންތައްތަކެއް ކޮށްދެވޭނޭ ކަމަށް. އަދި އަހަރެން ފަހުރުވެރިވަން ސިއްހީ ގޮތުންނާއި ތައުލީމުގެ ގޮތުން އެހީއަށް ބޭނުންޖެހިފައިވާ ކުދިން ތަކަކަށް އެހީތެރިވެ ދިނުމަށްޓަކައި އުރީދު އިން ކުރަމުން ގެންދާ މަސައްކަތުގައި ލިއޯ މެސީ ފައުންޑޭޝަނުން އެހީތެރިވެ ދެވޭނެތީ. އުރީދުއާއި ލިއޯ މެސީ ފައުންޑޭޝަންގެ މި ގުޅުމަކީ ޒުވާނުންނަށް އެބައިމީހުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިމަށް ހުޅުވުނު ތަފާތު ދޮރެއް،" މެސީ ބުންޏެވެ.