22 May 2013, 11:09
ފާއިތުވެދިޔަ ދެ އަހަރު ވީބީ އަށް ކުޅުމަށްފަހު މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ކުލަބް ވެލެންސިޔާއަށް ބަދަލުވި ޝަމްވީލް ގާސިމް (ބޮންޑާ)ގެ އަޑެއް ނިވޭތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު މާޒިޔާ އަތުން ތިނެއް ދޭކުން ވެލެންސިއާ މޮޅުވި މެޗުގައި ކުޅުމަށް ފަހު ބޮންޑާ، ވެލެންސިޔާގެ އެއްވެސް ޕްރެކްޓިހަކުން ފެނިފައެއް ނުވެއެވެ.
ކުރިން ގައުމީ ޓީމަށްވެސް ކުޅުނު ބޮންޑާ ސަންއޮންލައިނާ ވާހަކަ ދައްކަމުން ބުނީ، އޭނާ ވެލެންސިޔާގެ ފްރެކްޓިހުގައި ބައިވެރި ނުވަނީ އެކުލަބުން އޭނައަށް ދޭންޖެހޭ މުސާރަނުދޭތީވެ ކަމަށެވެ. އެހެން ނަމަވެސް ވެލެންސިޔާއިން ބޮންޑާއަށް ދޭންޖެހޭ މުސާރައިގެ އަދަދެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.
"މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އަހަންނަށް ވެލެންސިޔާއަކުން މުސާރާއެއް ނުދޭ. އަހަރެން މިހިރީ އެކަމާ ވަރަށް ހިތްހަމަ ނުޖެހިފަ. ދެން ވެލެންސިޔާއަކަށް ނުކުޅޭނަން. އެކަމަކު ވެލެންސިޔާގެ އިސް ވެރިން އަބަދުވެސް ބުނަމުން އަންނަނީ މާދަން މުސާރަ ދޭނަމޭ. އެކަމުވެސް އެމީހުންނަށް މުސާރަ ދެވޭ ކަމަކަށް ނަހަދާ" ބޮންޑާގެ އުފަން ރަށް ސ. ހިތަދޫގައި ހުރެ ސަންއޮންލައިނާ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.
ބޮންޑާ ބުނީ، މިއަހަރުގެ ސީޒަނުގައި ވެލެންސިޔާއިން ނުފެނުނު ކަމުގައި ވިޔަސް ފުޓްބޯޅައިގެ ކެރިއަރުގައި އަދިވެސް ހުންނާން ބޭނުން ކަމަށެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ ފުރަތަމަ ޑިވިޒަންގެ ދެ ކުލަބެއް ކަމަށްވާ ބީޖީ ސްޕޯޓްސް އާއި ވީބީ އައްޑޫ އެފްސީއިން ހުށަހެޅުންތަކެއް ލިބިފައިވާ ކަމަށެވެ.
ގައުމީ ޓީމަށް ވެސް ކުޅެފައިވާ ބޮންޑާ އަކީ ނިއު އާއި އައިއެފްސީ އަށް ވެސް ކުޅެފައިވާ ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރެވެ.
ބޮންޑާ ބުނީ ވެލެންސިޔާއިން މިހާތަނަށް ލިބިފައި ވަނީ އެޑްވާންސް ފައިސާ އެކަނި ކަމަށާއި ނަމަވެސް ކޮންޓްރެކްޓް ބުނާ ގޮތުން އޭނާ އަށް ދޭން ޖެހޭ ބޮޑު އަދަދެއްގެ ފައިސާ ނުލިބި އެބަ ހުރިކަމަށެވެ. އަދި ވެލެންސިޔާއިން ވަކިގޮތެއް އަންގަންދެން އަދިވެސް ހުންނާނީ ރަށުގައި ކަމަށް ބޮންޑާ ބުންޏެވެ.
"އަހަރެންގެ ހަޔާތުގައި ވެލެންސިއާގެ މިހާރުގެ މެނޭޖްމަންޓުހާ ދޮގުހަދާ ބަޔަކާ ދިމާނުވޭ. އަހަރެން ދެން އެމީހުން ދޭން ހުރި ފައިސާ އެއްކޮށްދިނަސް ނުދާނަން އެ ކުލަބަށް ކުޅެން،" ބޮންޑާ ބުންޏެވެ.
ވެލެންސިޔާ އަށް 2010 ވަނަ އަހަރު ވެސް ކުޅުނު ބޮންޑާ މިއަހަރުގެ ސީޒަނުގައި އަލުން ވެލެންސިއާ އަށް ގެނައީ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ކަމަށް އެކުލަބުގެ ޗެއާމަން އިބްރާހީމް ރާއީ ރަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ވެލެންސިޔާއިން ބޮންޑާއަށް މުސާރަ ނުދޭ ކަމުގެ އަޑުތައް ރާއްޖޭގެ މީޑިއާގައި ފެތުރިފައިވާ މިދަނޑިވަޅުގައި އެކުލަބުގެ ކޯޗް ބަލްގޭރިޔާގެ ބޮއިކޯފް ވެސް ކޯޗް ކަމުން ވަކިކުރަން އެކުލަބުން މިހާރު ވަނީ ނިންމާފައެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ވެލެންސިޔާއަށް ފައިސާގެ ތަފާތު މައްސަލަތައްކުރިމަތި ވެފައި ވާއިރު، ފީފާއިން ވަނީ އެޓީމް ރެލިގޭޝަން ކުރާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. އެ އިންޒާރަކީ ވެލެންސިއާ އަށް 2009 ކުޅުނު ބިދޭސީ ކުޅުންތެރިއަކަށް މުސާރަ ނުދޭ މައްސަލާގައި ފީފާއިން ދިން އިންޒާރެކެވެ.