22 May 2013, 11:07
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަށް ކަތިވަޅިއަކުން ހަމަލާދީ އޭނާ މަރާލި ކަމަށް ހ. ލޮބީ ހުސައިން ހުމާމް އަހްމަދު ޝަރީއަތުގެ މަޖިލީހުގައި މިއަދު އިއުތިރާފުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ހުމާމް އެކަމަށް އިއުތިރާފުވެފައި ވަނީ އޭނާގެ މަންމައާ ބައްޕަގެ ވެސް ހާޒިރުގަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ހެކި ހުށަހެޅުމުން، ދިފާއީ ހެކި ހުށަހެޅުމަށް ހުމާމް އަށް ފުރުސަތު ދިނުމުން އޭނާ ބުނީ ދެން އެއްޗެއް ބުނެވެން ނެތް ކަމަށެވެ. އެކަން ހިނގައި ދިޔަ ގޮތް ބަޔާނުގައި ކިޔައިދީފައިވާނެ ކަމަށް ވެސް ހުމާމް ބުންޏެވެ.
"އިއްޒަތްތެރި ގާޒީ މިހާ ވަރަށް މިކަންތައް ފެންނަން އޮތީމަ ނެތް އެއްޗެކޭ ބުނެވޭކަށް. މިކަންތައް ހިނގައި ދިޔަ ގޮތް އިންނާނެ ކިޔައިދީފަ ތަހުގީގު ބަޔާނުގައި،" ހުމާމް ބުންޏެވެ.
އަފްރާޝީމް މަރާލި ކަމަށް ހުމާމް އިއުތިރާފުވި އިރު އޭނާގެ ގައިންނާއި ޖީންސުން އަފްރާޝީމްގެ ޑީއެންއޭ ފެނިފައިވާ ކަމަށް ދައުލަތުން މިއަދު ވަނީ ބުނެފަ އެވެ.
އަފްރާޝީމް މަރާލުމުގެ ހާދިސާ ހިނގައި ދިޔަ ގޮތް ޝަރީއަތަށް ކިޔައިދިނުމަށް ގާޒީ އެންގުމުން ހުމާމް ބުނީ ބަޔާނުގައި އެކަން ކިޔައިދީފައިވާނެ ކަމަށާއި އެ ބަޔާން ޝަރީއަތަށް އިއްވައިދިނުމަށް ބޭނުންވާ ކަމަށެވެ.
މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އަށް އިންކާރު ކުރީ ކީއްވެގެންތޯ ގާޒީ އެއްސެވުމުން ހުމާމް ބުނީ އެއީ އާއިލާއަށް އެކަމުން އުނދަގުލެއް ކުރިމަތިވެދާނެތީ ކަމަށެވެ.
"ޑރ. އަފްރާޝީމް މަރާލިކަމަށް އެއްބަސް ވަނީ ތޯ؟" [މިގޮތަށް ގާޒީ އެއްސެވުމުން ޖަވާބުގައި ހުމާމް ބުންޏެވެ.] "އާދެ،"
ކީއްވެގެންތޯ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އަށް އިންކާރު ކުރެއްވީ؟ [މިގޮތަށް ގާޒީ އެއްސެވުމުން ޖަވާބުގައި ހުމާމް ބުންޏެވެ.] އަޅުގަނޑުގެ އާއިލާއަށް އެކަމުން އުނދަގުލެއް ކުރިމަތި ވެދާނެތީ،"
ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް ހުމާމް ދިން ބަޔާން ދައުލަތުގެ ވަކީލާ ވަނީ ޝަރީއަތަށް އިއްވާފަ އެވެ.
އެ ބަޔާނުގައި ހުމާމް ބުނެފައިވަނީ މިދިޔަ އަހަރު ބައިބަލާ މުބާރާތް ކުޅުނު ދުވަސްވަރު އޭނާ ކުޑަހެންވޭރު ޓީމަށް ބައިބަލާ ކުޅެން އުޅުނު ދުވެހެއްގައި "ވަރަށް ސަޅި ކަމެއް" އެބަ އޮތް ކަމަށާއި ބައްދަލުކޮށްލަން ބޭނުންވާ ކަމަށް އެމައްސަލާގެ ތުހުމަތުގައި ހައްޔަރުކުރުމަށް ފަހު ކޯޓު އަމުރަކަށް ދޫކޮށްލި ސިފައިންގެ މީހާ އަޒުލިފް ރައޫފް އޭނާގެ ގާތު ބުނި ކަމަށެވެ.
މަޖިލިސް މެންބަރު އަފްރާޝީމް "ދުއްވާލަން" ޖެހޭ ކަމަށާއި އެކަން ކުރުމުން ހަތަރު މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަޒްލިފް އާއި "ސްޕައި" އޭނާ ގާތު ބުނި ކަމަށް ހުމާމް ބުންޏެވެ. އަދި އެފައިސާގެ ތެރެއިން އެއް މިލިއަން ރުފިޔާ އެޑްވާންސަށް ލިބިފައިވާ ކަމަށް އޭނާގެ ގާތުގައި އަޒްލިފް ބުނި ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އެފައިސާގެ ތެރެއިން އެއްވެސް ފައިސާއެއް އެނާއަށް ލިބިފައިނުވާ ކަަމަށް ވެސް އޭނާ ބުންޏެވެ.
އަފްރާޝީމް "ދުއްވާލަން" ޖެހެނީ އޭނާގެ ކަންތައް މާބޮޑުވެފައި ވާތީ ކަމަށާއި އިހަށް އެކަންތައް "ހައިޑްކޮށްފައި" (ސިއްރުކޮށްފައި) ބޭއްވުމަށް އަޒުލިފް އޭނާގެ ގާތު ބުނި ކަމަށް ހުމާމް ބުންޏެވެ.
ހުމާމް ބުނީ އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރިފުޅު އަބްދުﷲ ޖާވިދު (ޖާ) އާއި ޖާގެ ބޭބެ ޖަނާ އާއި އަޒުލިފްއާ ޖަލަޕީނޯ ތެރެއިން ކޮފީއަކުން ދިމާކޮށް އަފްރާޝީމް މަރާލާނެ ގޮތާ ގުޅޭގޮތުން ވާހަކަތަކެއް ދެކެވުނު ކަމަށެވެ.
ޖަލަޕީނޯގައި ކޮފީގައި ތިބެ ދެކެވުނު ވާހަކައިގައި އެއް މިލިއަން ރުފިޔާ އެޑްވާންސްކޮށް ލިބިފައިވާ ކަމަށް އަޒްލިފް އޭނާގާތު ބުނި ކަމަށް ވެސް ހުމާމް ބުންޏެވެ. އަދި ބުނީ އަފްރާޝީމް މަރާލުމުގެ ކަންތައް "ވަރަށް ރެޑީ" (ވަރަށް ތައްޔާރު) ކަމަށް ވެސް ޖަލަޕީނޯގައި ކޮފީގައި ތިބެ ދެކެވުނު ވާހަކައިގައި އަޒުލިފް ބުނި ކަމަށެވެ.
ހުމާމް ބުނީ އަފްރާޝީމް "ދުއްވާލަން" ޖެހޭ ސަބަބުތަކުގެ ތެރޭގައި ވެރިކަން ބަދަލުވި ދުވަހު ޓީވީ އަށް އަރައި އޭނާ ދެއްކި ވާހަކަތައް ހިމެނޭ ކަމަށް "ޖާ" މެން އޭނާ ގާތު ބުނެފައިވާ ކަމަށެވެ.
އަފްރާޝީމް މަރާލުމުގައި ބައިވެރިވެފައި ވަނީ އޭނާގެ އިތުރުން ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) އާއި "ނަންގި" ކަމަށް ވެސް ހުމާމް ބުންޏެވެ.
ހުމާމް ބުނީ އަފްރާޝީމް ގެއަށް ވަޑައިގަތުމުގެ ކުރިން އަލީ ޝާން އެގޭތެރެއަށް ވަތް ކަމަށެވެ. އަދި ގާތްގަނޑަކަށް ތިން މިނެޓް ފަހުން އަފްރާޝީމް ދޮރޯށިން ވަދެވަޑައިގަތުމުން އޭނާ ގޮސް އެގެއަށް ވަދެ ކަތިވަޅި ހޫރާލުމުން އަފްރާޝީމް އަށް ސިހުމެއް ލިބިވަޑައިގެން ކަމަށް ވެސް އޭނާ ބުންޏެވެ. ދެން ކަތިވަޅިން ދެ ފަހަރު އޭނާ އަފްރާޝީމްގެ ބޮލުގައި ޖެހުމުން، އަލީ ޝާން ވަޅިން އަފްރާޝީމްގެ ގައިގައި ޖެހި ކަމަށާއި އެވަގުތު އޭނާ ބިންމައްޗަށް ވެއްޓުނު ކަމަށް ވެސް ހުމާމް ބުންޏެވެ.
"ކަތިވަޅި ހޫރުވާލުމުން އޭނާ [އަފްރާޝީމް] އަށް ސިހުމެއް ލިބުނު. އަހަރެން ބޮލުގައި ކަތިވަޅިން ޖެހީ. ދެން ސަޓޯ [އަލީ ޝާން] ވަޅިން ޖެހީ،" ހުމާމް ބުންޏެވެ.
ހުމާމް ބުނީ އަފްރާޝީމްގެ ގައިން އޮހޮރުނު ލޭ އޭނާގެ ގަޔަށް ވެސް ބުރައިގެން ދިޔަ ކަމަށެވެ. އަދި އަފްރާޝީމް މަރާލުމަށް ފަހު އަލީ ޝާން ބުނެގެން އަމީރު އަހްމަދު ސްކޫލް ކައިރީ ހުންނަ ޝަހީދު އަލީ މިސްކިތަށް ގޮސް އޭނާގެ ގައިގައި ހުރި ލޭ ދޮވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ހުމާމް ބުނީ ޑރ.އަފްރާޝީމް މަރާލުމުގެ 24 ގަޑިއިރު ކުރިން އަލިމަސް ކާނިވަލުގައި ހުންނަ ޑޮލްފިން ކެފޭ ތެރޭގައި އިނދެގެން ރެޑް ބުލް އާއި މިކްސްކޮށްގެން ހަތަރު ފުޅި ބަނގުރާ ބުއި ކަމަށެވެ. އޭގެ އިތުރުން "ތެޔޮބިޑި" ވެސް ބޮއިފައިވާނެ ކަމަށް އޭނާ ބުންޏެވެ.
އަފްރާޝީމަށް ހަމަލާދިނުމުން އޭނާ ސިޑިކައިރި އަށް ވެއްޓިފައި އޮތް އިރު މަރުވި ކަމެއް ނޭނގޭ ކަމަށާއި ދެން އެއަށް ފަހު ހ. އަޑިޕާކްކައިރީ ހުންނަ ޕެޓް ޕާކަށް ގޮސް އެއްޗިހި ބަދަލު ކުރުމަށް ދިޔުމަށް އަލީ ޝާން ބުނުމުން އޭނައާ އެކު އެތަނަށް ގޮސް އެއްޗިހި ބަދަލު ކުރި ކަމަށް ވެސް އޭނާ ބުންޏެވެ.
ޓީވީއެމްގެ ޕްރޮގްރާމް ނިންމާލުމަށް ފަހު އަފްރާޝީމް ކާރުކޮޅުގައި ދަތުރު ކުރި މަގުތައް ފޯނުން ގުޅައި ވަގުތުން ވަގުތަށް އަޒުލިފް އަލީ ޝާން އަށް ކިޔައިދެމުން ގެންދިޔަ ކަމަށް ވެސް ހުމާމް ބުންޏެވެ. އަދި އަފްރާޝީމް މަރާލުމުގެ ކުރީގެ ދުވަހެއްގައި އަފްރާޝީމް ދިރިއުޅުއްވާ ހ. ފުންވިލުގެއަށް ދާނެ މަގު ވެސް އަޒުލިފް ކިޔައިދީފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
އަފްރާޝީމް މަރާލުމަށް އެގޭ ކައިރިއަށް ދިޔައީ އަލީ ޝާން އާ އެއްކޮށް ހެންވޭރުގައި ހުންނަ ފެމެލީ ކޯޓު ކައިރިން ބުރުޒުމަގުން ލާފައި އަމީނީމަގަށް ނުކުންނަން އޮންނަ ގޯޅިއަކުން ކަމަށް ވެސް ހުމާމް ބުންޏެވެ.
އަފްރާޝީމް މަރާލުމުގެ ކުރިން އަލީ ޝާން އާއި އޭނައާ ދެ މީހުން ބުރުޒު މަގުން ގޮސް އަމީނީމަގުން އަފްރާޝީމް ދިރިއުޅުއްވާ ގެ ސަރަހައްދު ބަލައި ޗެކްކޮށް ހެދި ކަމަށް ވެސް ހުމާމް ބުންޏެވެ.
އަފްރާޝީމް މަރާލާ ވާހަކަ ބުނުމަށް ފަހު މަސްތުވާތަކެތީގެ ބްލެޓެއް އޭނާ އަށް ދީފައި އެތަކެތި ވިއްކުމަށް ނ. ވެލިދޫ އަށް ދިޔުމަށް އަޒުލިފް އޭނާ ގާތު ބުނެގެން، ބައިބަލާ ކުޅެގެން ލިބުނު 2000ރ. ޚަރަދުކޮށްގެން އެރަށަށް ދިޔަ ކަމަށް ވެސް ހުމާމް ބުންޏެވެ. ނަމަވެސް އެރަށް ގޮސް މަސްތުވާތަކެތި ވިއްކޭނެ ގޮތެއް ނުވި ކަމަށް ވެސް ހުމާމް ބުންޏެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ ވެލިދޫގައި ބަޔަކާ އެކު ކޮފީއަށް ގޮސް "ދެން މާލެއިން އެންމެ އަވަހަށް މަރުވާނީ މަޖިލީސް މެންބަރެއް" ކަމަށް ހުމާމް ބުނެފައިވާ ކަމަށެވެ. އަދި އެކަން ސާބިތުކުރުމަށް ދައުލަތުން ވަނީ ހެކި ހުށަހަޅާފަ އެވެ.
ހުމާމް ބުނީ ވެލިދޫގައި ހުރުމަށް ފަހު އޭނާ އެނބުރި މާލެ އައީ އަޒުލިފް ބުނެގެން ކަމަށެވެ.
މިއަދު އޮތް ޝާރީއަތުގެ މަޖިލީހުގައި ހުމާމު ބުނީ "ބޭނުންވަނީ މައާފަށް އެދި، އަފްރާޝީމްގެ އާއިލާގެ ހިތްހަލާލު ހޯދަން،" ކަމަށެވެ.
ޝަރީއަތުގެ މަޖިލީހަށް ހުމާމުގެ އިއުތުރާފް ބަޔާން އިއްވައި ނިމުމުން އޭނާ ބުނީ އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށާއި އަދަބެއް ދިިނަސް ދުނިޔޭގައި ބެހެއްޓުމަށް އެދޭ ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ ހުމާމް ޝަރީއަތުގައި ދަައުލަތުގެ ފަރާތުން އޭނާގެ މައްޗަށް ކުރާ ދައުވާއަށް އިއުތިރާފްވެފައިވާއިރު އޭނާ އިއުތިރާފްވި ކަންތައްތަކާ އެމައްސަލާގައި ލިބިފައިވާ ހެކިތަކާ ގުޅިފައިވާ ކަމަށެވެ. އެހެން ކަމުން އޭނާގެ މައްޗަށް އެދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައިދިނުމަށް ވެސް ދައުލަތު ވަނީ އެދިވަޑައިގެންފަ އެވެ.