ބޭންކް އޮފް މޯލްޑިވްސް އިން ޚިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން މޯލްޑިވްސް މޯބައިލް ބޭންކިންގެ ޚިދުމަތް ތަޢާރަފް ކޮށްފި އެވެ.


ބޭންކް އޮފް މޯލްޑިވްސް އިން އެސްއެމްއެސް މެދުވެރިކޮށް އެކައުންޓާއި ކާޑުގެ ޚިދުމަތް ދިނުމަށްޓަކައި މޯބައިލް ބޭންކިންގެ ޚިދުމަތް ދިނުމަށް މިއަދު ހެނދުނު ނަސައްދުރަ ޕެލަސް ހޮޓަލުގައި އޮތް ރަސްމިއްޔާތެއްގައި މި ޚިދުމަތް ފަށްޓަވައިދެއްވީ ބޭންކްގެ ޗެއާމަން އާދަމް އިބްރާހިމެވެ.


މޯބައިލް ބޭންކިންގެ ޚިދުމަތުގެ ތެރޭގައި ބެލެންސް ބެލުމާއި، އެންމެ ފަހުގެ ހަތަރު ޓްރާންސެކްޝަން ބެލުމާއި، އެ ކަސްޓަމަރެއްގެ އެއް ކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރުމާއި އަދި ކާޑް ބްލޮކް ކުރުމުގެ ޚިދުމަތް ހިމެނެ އެވެ. އަދި ލޯން ދައްކާ ދުވަސް އަދި ކާޑަށް ފައިސާ ދައްކާ ދުވަސް ކައިވެރިވެއްޖެ ކަން އަންގައި ދިނުމުގެ ގޮތުން އެސްއެމްއެސް އެލާޓެއް ފޮނުވޭނެ ކަމަށް ބޭންކުން ބުންޏެވެ. ހަމައެއާ އެކު އެކައުންޓް ބެލެންސް އާއި އެކައުންޓުން ކުރެވޭ މުއާމަލާތްތަކާއި ކާޑުން ހިންގޭ މުއާމަލާތްތަކުގެ އެލާޓް ކަސްޓަމަރުން އަމިއްލައަށް ހަމަޖައްސާ މިންގަނޑުގެ ދަށުން ފޮނުވޭނެ ކަމަށް ވެސް ބޭންކުން ބުންޏެވެ. މޯލްޑިވްސް މޯބައިލް ބޭންކިން މެދުވެރިކޮށް މުދަލާއި ޚިދުމަތަށް އަގު ދެއްކުން ނުވަތަ އެއްފަރާތުން އަނެއް ފަރާތަށް ފައިސާ ދެއްކުން މިވަގުތު ހަމަޖެހިފައިނުވާ ކަމަށް ބޭންކުން ބުންޏެވެ.


ބޭންކުން ބުނީ އެފަދަ ޚިދުމަތެއް ތަޢާރަފް ކުރުމުގެ އެންމެ ބޮޑު ސަބަބަކީ ބެލެންސް ބެލުމާއި އެކައުންޓާއި ކާޑުން ހެދޭ ޓްރާންސެކްޝަންތަކުގެ ތަފްސީލް ހޯދުމަށް ގުޅާ ކޯލްތައް ގިނަވުމުގެ ސަބަބުން ކަސްޓަމަރުން ގިނަވަގުތު ކޯލް ސެންޓަ ކިޔޫގައި މަޑުކުރަން ޖެހުމާއި، އެޓީއެމް ކައިރީ މުސާރަ ޖަމާވިތޯ ބެލެމުށާއި މަހުގެ ފަހުކޮޅު ބެލެންސް ބެލުމަށް ކިއުގައި ގިނަ ވަގުތު ތަކެއް ހޭދަކުރަންޖެހޭ ޖެހުމަށް ލުޔެއްހޯދައި ދިނުން ކަމަށް ބޭންކްގެ ޗެއާމަން ވިދާޅުވި އެވެ.