ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންއަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތަރުޖަމާން ކަމަށް ސިފަކުރައްވައި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވާހަކަފުޅު ދައްކަވައިފި އެވެ.

މާލޭގައި ދިރިއުޅޭ ހދ. އަދި ހއ. ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދާއެކު ކޯލިޝަންހެދި ޕާޓީތަކުގެ ލީޑަރުން ބައްދަލު ކުރެއްވުމަށް ސްޓެލްކޯގައި ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ތަސްމީން ވަނީ ޕީޕީއެމްއަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފަ އެވެ. ތަސްމީން ވިދާޅުވި ގޮތުގައި ރައީސް ނަޝީދު ވިދާޅުވާ ވާހަކަފުޅުތައް ތަރުޖަމާ ކުރައްވަނީ ޔާމީން އެވެ. އަދި ރައީސް ނަޝީދުގެ ވާހަކަތައް ތަރުޖަމާ ކުރެއްވުމަށް ޕީޕީއެމްގެ ޕްރެސް ކޮންފަރެންސްތައް ބާއްވައި ޔާމީން ވާހަކަފުޅު ދައްކަވަމުން ގެންދަވާތީ އޭނާއަކީ ރައީސް ނަޝީދުގެ ތަރުޖަމާން ކަމަށް ތަސްމީން ސިފަ ކުރެއްވި އެވެ.

"ދެން މިހާރަކަށް އައިސް އަޅުގަނޑުމެންނަށް މިފެންނަނީ ވެސް އެކަހަލަ ގޮތަކަށް. މާނަ ކުރައްވާ ގޮތަށް ދޭހަކުރައްވާ ކަންތައްތަކެއް. ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ އިންސާފުވެރި އިންތިހާބެއް ކަމުގައި ގަބޫލުފުޅު ކުރެވޭތޯ [ނޫސްވެރިޔަކު ސުވާލު] ދެންނެވުމުން ވެސް އަޅުގަނޑަށް ގަބޫލު ކުރެވެނީ އެބޭފުޅުން ދެއްވި ޖަވާބުން ވެސް އެ ބޭފުޅުންނަށް ވެސް ގަބޫލު ކުރެވެނީ ރައީސް ނަޝީދުގެ ތަރުޖަމާންކަން [ޔާމީންއަކީ]. ދިވެހިރާއްޖެއަށް މިއޮތް ދަތި ދަނޑިވަޅުގައި ވަރަށް މުހިންމު ހިދުމަތްތަކެއްކޮށް ދެއްވަމުން ގެންދަވާ ދިވެހި ފުލުހުންގެ ހިދުމަތާ ބެހޭ ގޮތުން ދެއްކެވި ވާހަކައިން ވެސް އަޅުގަނޑަށް ގަބޫލު ކުރެވެނީ އެ ބޭފުޅުންނަށް މިހާރު ބޮޑަށް ގަބޫލު ކުރެވެނީ ރައީސް ނަޝީދު ތަރުޖަމާނޭ [ޔާމީން] އެއީ،" ތަސްމީން ވިދާޅުވި އެވެ.

ޔާމީންއަކީ ނަޝީދުގެ ތަރުޖަމާން ކަަމަށް ތަސްމީން ސިފަކުރައްވާފައި ވަނީ މިދިޔަ ހޯމަ ދުވަހު ބޭއްވި ޕީޕީއެމުން ޕްރެސް ކޮންފަރެންސްގައި މިނިވަން އިންސާފުވެރި އިންތިހާބަކަށް ދިއުމުގައި މައްސަލަތަކެއް އެބަހުރި ކަމަށް ޔާމީން ވިދާޅުވެފައި ވަނިކޮށެވެ. ޔާމީން އެހެން ވިދާޅުވިއިރު، އެމްޑީޕީގެ ކެންޕެއިންތަކުގައި ނަޝީދު ތަކުރާރު ކުރައްވަމުން ގެންދަވަނީ ރައީސް ވަހީދުގެ ސަރުކާރުގައި ރިޔާސީ އިންތިހާބެއް ބާއްވައިފިނަމަ އެ އިންތިހާބެއް މިނިވަން ނުވާނެ ކަމަށާއި އެހެންކަމުން އިންތިގާލީ ސަރުކާރެއް ގެންނަންޖެހޭ ކަމަށެވެ. އަދި އިންތިގާލީ ސަރުކާރެއް ގެނައުމަށް މަޖިލީހުގެ ތެރެއިން ކުރަންޖެހޭ މަސައްކަތައް ޕީޕީއެމްގެ އެއްބާރުލުމަށް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.

ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވެފައި ވަނީ ރައީސް ވަހީދާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުގެ ލީޑަރުންނަކީ އިހްލާސްތެރިން ކަމަށެވެ. އަދި އެބޭފުޅުންނަށް ކާމިޔާބު ލިބެންދެން އެ މަސައްކަތުގައި ސާބިތުކަމާއެކީގައި ތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަދު ގުޅިގެން މަސައްކަތް ކުރަން އަޒުމް ކަނޑައަޅައިގެން އެއް ޕްލެޓްފޯމެއްގައި މިތިބީ މިއަދު މިގައުމު އޮތް ހާލަތުން އަޅުގަނޑުމެން އެކީގައި މަސައްކަތްކޮށްގެން ދިވެހިރައްޔިތުންނަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހަކީ ބާއްޖަވެރި އުފާވެރި ދިރިއުޅުމެއް ދިރިއުޅުމުގެ ފެންވަރު ރަނގަޅު ފަސް އަހަރަށް ހަދައިދޭން ޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރާތީ،" ތަސްމީން ވިދާޅުވި އެވެ.