22 May 2013, 10:37
ފުރަތަމަ ފީބާ އޭޝިއާ ތްރީ އޮން ތްރީ ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ 18 އަހަރުން ދަށުގެ ގައުމީ އަންހެން ބާސްކެޓް ޓީމާއި ފިރިހެން ޓީމް ބެންކޮކަށް ގޮސްފި އެވެ.
މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިަށް ގެންދާ މިމުބާރާތުގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ޓީމުގައި ހިމެނެނީ ރަމާހު އިބްރާހިމް އީސާ އާއި އަހުމަދު ސައިފް ނައީމާއި މުހައްމަދު ލަޔާން އަދި އިސްމާއިލް ޒައިދުއެވެ. އަހެން ޓީމް ގައި ހިމެނެނީ ހައްވާ މުޝީރާއާއި އައިޝަތު ޝަފާ އާއި އާމިނަތު ރައުޝާ އަދި ރައީފާ އިބްރާހިމް އެވެ.
އެ މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމް ހިމެނެނީ ގްރޫޕް އޭ ފަޅީގައެވެ. މި ފަޅީގައި ރާއްޖެއާއެކު ހިމެނޭ ގައުމުތަކަކީ ޗައިނާ، އިންޑިއާ އަދި ތައިލެންޑް އެވެ.
މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމް ކުޅޭ ފުރަތަމަ މެޗުގައި މިއަދު މެންދުރު 11:30 ގައި ނިކުންނާނީ ތައިލޭންޑާ ދެކޮޅަށެވެ.
މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމް ހިމެނެނީ ގްރޫޕް ޑީ ފަޅީގައެވެ. މިފަޅީގައި ރާއްޖެއާއެކު ދެން ހިމެނޭ ގައުމު ތަކަކީ އިންޑޮނޭޝިއާ، ޗައިނާ އަދި މަކާއޯ އެވެ.
މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންހެން ފިރިހެން ވަކިން ނެވެ. އެގޮތުން މުބާރާތުގެ ފިރިހެން ކުދިންގެ ބައިގައި ޖުމްލަ ހަތަރު ގްރޫޕެއް ވާދަކުރާއިރު، އަންހެން ކުންދިން ބައިގައިވެސް ވާދަކުރަނީ ހަތަރު ގްރޫޕަކުންނެވެ. އަދި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ ޓީމާއި ދެ ވަނަ ޓީމެވެ.